މިއަދުގެ ޖަލްސާ ނުބާއްވަން އެމްޑީޕީން އެދުނީ އެ ޕާޓީގެ ގިނަ މެންބަރުން ޗުއްޓީ އާއި ކެމްޕެއިންގެ ހަރަކާތްތަކުގައި މާލޭން ބޭރުގައި ތިއްބެވުމުން ޖަލްސާގެ ކޯރަމް ހަމަނުވާނެތީ ކަމަށް، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުރިއަށް ގެންދަން ނިންމާފައި އޮތީ އަންނަ މަހުގެ 29 ގައި ބާއްވަން ނިންމާފައިވާ ނިޒާމު ކަނޑައެޅުމުގެ ވޯޓުލާން ބޭނުންކުރާ ކަރުދާހުގައި ސުވާލު އޮންނާނެ އިބާރާތް ކަނޑައެޅުމުގެ މަސައްކަތެވެ. ނަމަވެސް ދެ މެންބަރުން އިއްޔެ ހާޒިރުވެވަޑައިނުގަތުމުގެ ސަބަބުން ޖަލްސާގެ ކޯރަމް ހަމަނުވުމުން ޖެހުނީ 10 މިނެޓު ތެރޭ ޖަލްސާ ނިންމާލާށެވެ.

އެ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނީ އެމްޑީޕީގެ މެންބަރުންނާ މަޝްވަރާ ކުރުމަށް ފަހު އެ މެންބަރުންނަށް ހާޒިރުވެވަޑައިގަނެވޭ ނަމަ ކަމަށެވެ. މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު އާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، މަޖިލީހުގެ ޖަލްސާ އެއް މިއަދު ނޯންނާނެ ކަމަށެވެ.

'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ، އެމްޑީޕީގެ ގިނަ މެންބަރުންތަކެއް މިވަގުތު ޗުއްޓީގައި މާލޭން ބޭރުގައި ތިއްބެވިއިރު ބައެއް މެންބަރުން އުޅުއްވަނީ ކެމްޕެއިން ހަރަކާތްތަކުގައި ކަމަށެވެ. މާލެއަށް އެ މެންބަރުންނަށް ވަޑައިގަނެވެން ނެތުމުގެ ސަބަބުން ޖަލްސާގެ ކޯރަމް ހަމަނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އެގޮތުން އަޅުގަނޑުމެން ދެންނެވީ [ޖަލްސާގެ] ކޯރަމް ހަމަނުވެދާނެތީވެ ވަރަށް ގިނަ ބޭފުޅުން މާލޭގަ ނެތުމުގެ ސަބަބުން މިއަދުގެ ޖަލްސާ ކެންސަލްކޮށްލަދޭން،" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި ނަޝީދު ވަނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީގެ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތް ހުށަނާޅާ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ދާއިމީ ކޮމިޓީތައް އެކުލެވޭ ގޮތަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެނައުމަށް ފާސްކުރުމުގެ އިތުރުން، ސަރުކާރު ޒިންމާދާރު ކުރަން ޖެހޭ ކޮމިޓީތަކުގެ މުގައްރިރުކަން އިދިކޮޅު މެންބަރުންނަށް ދިނުމަށް ވަނީ ފާސް ކޮށްފައެވެ.

ނަޝީދު ވިދާޅުވީ، ކޮމިޓީތަކުގައި ތަމްސީލުކުރާ މެންބަރުންގެ ނަންތައް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން ފޮނުވުމަށް، ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވި ކަމަށާއި، މަޖިލީހުގެ އިދާރާއަށް މިހާތަނަށް ނަންތައް ލިބުނީ ތިން ސިޔާސީ ޕާޓީއެއްގެ ފަރާތުން ކަމަށެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން އަސްލަމް ވިދާޅުވީ، މެންބަރުންގެ ނަންތައް ހުށަހެޅުން ލަސްވީ، ކުރިން ވެސް ކޮމިޓީތަކަށް މެންބަރުންގެ ނަންތައް ހުށަހަޅާފައި އޮއްވާ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ޕާޓީތައް ތަމްސީލުކުރާ ކޮމްޕޮޒިޝަނަށް ބަދަލު އައުމާ ގުޅިގެން، އެމްޑީޕީން މެންބަރުންތަކެއް މަދުވެ، އެ ޕާޓީ އާ ބައެއް މެންބަރުން ގުޅިވަޑައިގަތުމުގެ ސަބަބުން، އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް ކޮމިޓީތަކުން ސްލޮޓް ހަމަޖައްސައިދޭން ޖެހުމުން ކަމަށެވެ.

"ޖެނެރަލް (އާންމު) އުސޫލެއްގެ ގޮތުގަ މަޖިލީހުގެ ގަވައިދުގަ މި އޮންނަނީ އެއްވެސް ކޮމިޓީއެއްގަ ހުންނަ ބޭފުޅަކު ވެސް އެ ކޮމިޓީ ބަދަލުވާ ކަމުގައި ވަނީ ނަމަ އެ ބޭފުޅެއްގެ ރުހުން ހޯދަން ޖެހޭ އަޅުގަނޑުމެންނަށް، އެހެންވީމާ އެ ބޭފުޅުންގެ ރުހުން ލިބޭ ގޮތަކަށް ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ކޮމިޓީތައް އެކުލަވާލެވެނީ،" އަސްލަމް ވިދާޅުވިއެވެ

އެހެންކަމުން މެންބަރުން މިހާރު ތިއްބަވާ ކޮމިޓީ ނޫން އެހެން ކޮމިޓީތަކަށް ބަދަލުކުރަން ޖެހޭ ނަމަ، އެ މެންބަރުންގެ ރުހުން ހޯދުމަށްޓަކައި މެންބަރުންނާ ގުޅައިގެން ރުހުން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، ދެ ދުވަހެއްގެ ތެރޭ އެކަން ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގެ ކުރިން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މެންބަރުން ތަމްސީލުކުރާނެ ގޮތުގެ މައުލޫމާތު އިދާރާއަށް ހުށަހަޅުއްވާނެ ކަމަށެވެ.