ހުޅުލެއާ ދޭތެރޭ އެޅި ބްރިޖަށްވުރެ މާއަވަހަށް މި ސަރުކާރުން އަޅާ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމޭނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ސައިޓެއް ކަމަށްވާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ތިލަމާލެ ބުރިޖުގެ ތަނބެއް ނުފެނިގެން ހަޖޫޖަހާއިރު، ބުރިޖުގެ މުހިއްމު އަދި ބައިވަރު އެތައް މަސައްކަތެއް މިއަދުވެސް ކުރިއަށްދާ ކަމަށެވެ.

އަދި ތަނބުތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ ބުރިޖު ރާވާލެވޭ ވަރަށް ތައްޔާރަށް ކަމަށް ބެލެވޭ ކަމަށް ވެސް މަހްލޫފު ވިދާޅުވިއެވެ. މި ޕޯސްޓާ އެކު މަހްލޫފް ވަނީ ތިލަ މާލެ ބްރިޖަށް އަޅަމުންދާ ބިޔަ ތަނބުތަކުގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

މަސައްކަތުގެ ސްޕީޑުހުރިގޮތަށް ބަލާއިރު، ހުޅުލެ ބުރިޖުގެ މަސައްކަތަށްވުރެ މާއަވަސް މުއްދަތެއްގެތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭނެކަމަށް ބެލެވޭ.
މަހުލޫފް

ބްރިޖުގެ މަސައްކަތް ކުރިއަށް ދާ ގޮތުންނާއި ދިމާވަމުންދާ ބައެއް ހާދިސާތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ބްރިޖާ ގުޅިގެން އެންމެ ފަހުން ރައީސް ސޯލިހް ދެއްކެވި ވާހަކަ ފުޅުގައި ވަނީ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލާއިރު އެ ބްރިޖު ގިރާވަރުފަޅާ ހަމައަށް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ތިލަ މާލެ ބްރިޖްގެ ބިޔަ ތަނބުތައް މިހާރު ވެސް ދަނީ ހަދަމުން/ފޮޓޯ: އެކްސް (މަހްލޫފް)

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއަަކީ 8.2 ބިލިއަން ރުފިޔާ ހަރަދު ވާނެ މަޝްރޫއެކެވެ. މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.