ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހަށް ދާދި ދެންމެއަކު ވަޑައިގެންފިއެވެ.

ނަޝީދު، ރައީސާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައިި، ނަޝީދު ރައީސް އޮފީހަށް ވަޑައިގަތީ ރައީސާ އެކު ސިޔާސީ މަޝްވަރާތަކެއް ކުރެއްވުމަށެވެ. ނަމަވެސް، ނަޝީދު ރައީސް އޮފީހަށް ވަޑައިގެންނެވި އަސްލު ސަބަބު އަދި ނޭނގެއެވެ.

ރައީސާ ބައްދަލު ކުރެއްވުމަށް ނަޝީދު ރައީސް އޮފީހަށް މިއަދު ވަޑައިގެންފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ފަސް ދުވަހަށް ވެފައި އޮއްވައެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ހަފްތާއެއްހާ ދުވަސް ކުރިން ދެ ބޭފުޅުން ވަނީ ފޯނުން ވާހަކަފުޅު ދައްކަވައި މަޝްވަރާތަކެއް ކުރައްވައިފައެވެ.

މިއީ އެއް ތަނަކުން ދެ ބޭފުޅުން ދިމާވެ ބައްދަލުނުކުރައްވާތާ ގިނަ ދުވަސްތަކެއް ފަހުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ނަޝީދު ވަނީ މީގެ ކުރިން އެކިފަހަރު މަތިން ރައީސަށް ފާޑުވިދާޅުވެ، ރައީސާ އެކު މަސައްކަތްނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ހަމަ އެއާއެކު އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ރައީސަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ މީގެ ކުރިން ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.