އަމިއްލަ އަބުރު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ޒިންމާއެއް ކަމަށާއި، އަބުރުގެ ނަމުގައި ގާނޫނުތައް ހެދުމުން އެކަން ބޭނުންކުރެވެނީ ނާޖާއިޒު ގޮތުގައި ސިޔާސީ މަގްސަދުތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އަމިއްލަ އަމަލުތައް ހަމަމަގުގައި ބަހައްޓައި، އަބުރު ގެއްލޭ ފަދަ އެއްވެސް ކަމަކަށް އަމިއްލަ ނަފްސު ހުށަނޭޅުމަށް ކަމަށެވެ. އަދި އެއްވެސް ވާހަކައަކީ ކޮންމެވެސް ވަރެއްގެ ހަގީގަތެއް ނެތި އާންމުންގެ ތެރޭގައި ދެކެވޭނެ ވާހަކަތަކެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީހުންގެ އަބުރު ގެއްލޭ ފަދަ ވާހަކަތައް ނުދެއްކުމަކީ ބޭނުންތެރި އަދި މުހިންމު ކަމެއް ނަމަވެސް، އެކަން ހުއްޓުވުމަށް ގާނޫނުތައް ހަދައިފިނަމަ ދިމާވާ މައްސަލައަކީ ދައްކާ ކޮންމެ ވާހަކައަކީ އަބުރު ގެއްލޭ ވާހަކައެއްގެ ގޮތުގައި މާނަކުރަން ފެށުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން، އެފަދަ ގާނޫނުތައް ނުހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ގޮތުން މީހުންނަށް ގެއްލުން ދިނުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށާއި، މި ދެ ކަންތައް ބެލެންސްކޮށްގެން ނޫނީ އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު އަބުރު ރައްކާތެރިކުރުމުގެ ގާނޫނެއް ހަަދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ. އެ ބިލުގައިވާ ގޮތުން ގާނޫނު ހިނގާނީ ފަރުދުންނާއި، ގާނޫނީ ޝަހްސުތަކާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާތަކާއި، އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާ ހިމެނޭގޮތަށް ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަށެވެ. އަދި ރާއްޖޭން ބޭރުގައި ކުރާ އަމަލަކުން ރާއްޖޭގައި މީހެއްގެ އަބުރަށް ގެއްލުން ލިބުނަސް މި ގާނޫނު ހިނގާނެ އެވެ.
ހަމަ އެހެންމެ އަބުރާބެހުމަކީ ޖިނާއީ ކުށެއްގެ ބަދަލުގައި މަދަނީ ކުށެއް ކަމަށާއި މީހެއްގެ ނަމާއި އަބުރަށް ގެއްލުންދޭ އަމަލެއް ކުރުމުން، މަދަނީ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އަނިޔާ ލިބުނު ފަރާތަށް ލިބިދޭ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.
