ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގަން އުޅޭ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާތީ، އެކަމަށް ފާޑުވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދަންނަ އެމްޑީޕީއަކީ ތިމާގެ ވިސްނުން ނޭފަތު ކުރިއަށް ވުރެން ދުރަށް، ރަށު ގޮނޑުދޮށުންނާއި އަތޮޅު ދުނިން ވެސް ބޭރަށް، އަދި ރާއްޖޭގެ އިންފާރުން ވެސް ބޭރަށް ގެންދިއުމަށް އުފެދިގެން އައި ޕާޓީއެއް ކަމަށެވެ.
އަދި އެމްޑީޕީ ދެކޭ ގޮތުގައި ދިވެހި ރައްޔިތުން އަބަދުވެސް އެދެނީ ތަނަވަސްކަމާއި، ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ބައެއް ނުފޫޒުގަދަ ފަރާތްތަކަށް އަމާޒުކުރައްވައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބޭފުޅުންގެ މިލްކިއްޔާތުގައި ލަންކާގައާއި މާލޭގައި ބިމާއި ގެދޮރު ހުރެމެ، އަދި ދަރިން ވެސް ބޭރު މީހުންނާ ކައިވެނިކޮށްގެން ބައިތިއްބަމުން ދާ ކަމަށެވެ. އެފަދަ ހާލަތެއްގައި ތިބެ، "ޓަކާ ޓަކާ" ގޮވައިގެން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ހުތުރުވެގެންވާ، ހީލަތްތެރި ރޭވުމެއްގެ އިތުރުން ރާއްޖެ ނިކަމެތިކަންމަތީ ބޭއްވުމަށް ޖަހާ މަޅިއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ރަސްމާލެއިން ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން، ރެސިޑެންޝަލް އަދި ވޯޓާފްރަންޓް މެރީނާ ހެދުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ނިންމި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި މަޝްރޫއާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައި، އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންނާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން މާލޭ އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ވެސް ވަނީ ބާއްވާފައެވެ. އަދި މިފަދަ އިތުރު ސިލްސިލާ އެއްވުންތައް ވެސް ދަނީ ރާވަމުންނެވެ.
ނަޝީދު މީގެ ކުރިން ވެސް ވަނީ ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅޭ ގޮތަށް އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރާ ދެކޮޅަށް ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އެމްޑީޕީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
