ހުޅުމާލޭގައި "އާބަން ގްލައިޑް" ގެ ނަމުގައި އީ-ސްކޫޓަރު އާބަންކޯ އިން ތައާރަފް ކޮށްފިއެވެ.

އާބަންކޯއިން ބުނީ އީސްކޫޓާ ނުވަތަ ކޮޅަށް ހުރެގެން ދުއްވާ ބެޓެރި ސައިކަލު ދުއްވޭނެ އިންތިޒާމުތައް ހަމަޖައްސާ މާދަމާއިން ފެށިގެން އާންމުނަށް ހުޅުވާލާނެ ކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަތަރު އީ ސްކޫޓަރު ބަހައްޓާފައި ވާއިރު އެ ސްކޫޓަރުތައް ދުއްވަން ބޭނުން ނަމަ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީ ވާން ޖެހޭނެއެވެ.

އާބަންކޯގެ ސްމާޓްކޮމްގެ މެނޭޖާ ސްމާޓް ސޮލިއުޝަން އަހްމަދު ނައުފަލް ވިދާޅުވީ، މިއީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި އެކަމަށް ތަރުހީބު ލިބޭވަރަކުން އިތުރު ޑޮކިންއެއް ބަހައްޓާ ސްކޫޓަރު އިތުރު ކުރާނެ ކަމަށެވެ. އީ-ސްކޫޓަރުތައް ގާއިމްކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ހަދާފައިވާ ޑޮކިން ސްޓޭޝަންތަކުގައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ބެޓެރިން ޗާޖް ކޮށްގެން ދުއްވާ އީ-ސްކޫޓަރުތައް ހުޅުމާލޭގައި ދުއްވަން ވަކި ސަރަހައްދުތަކެއް މަގުތަކުގައި ކަނޑައަޅާފައި ވެއެވެ. އެގޮތުން އެ ދުއްވާނެ ސަރަހައްދު އެނގޭނެހެން މަގުތަކުގައި ނޫ ކުލައިގެ ރޮނގަކުން ފާހަގަކޮށްފައި ހުންނާނެއެވެ.

މީގެ އިތުރުން އެ ސަރަހައްދުން ބޭރަށް ނިކުމެއްޖެ ނަމަ އެލާމް އަޅައި، ހުއްޓޭނެއެވެ. މި ސްކޫޓަރުތައް ދުއްވާ އިރު، އާބަންކޯ އިން އެ އެއްޗެހީގެ ހަރަކާތްތައް މޮނިޓާ ކުރަމުން ދާނެއެވެ.

ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.