ހދ. އަތޮޅު ކައުންސިލްގެ ރައީސް، މުހައްމަދު ސިރާޖު އެމްޑީޕީ ދޫކުރައްވާ ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.

ސިރާޖު ޕީޕީއެމްއާ ގުޅިވަޑައިގެންފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރޭ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައެވެ.

ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު ސިރާޖުގެ ފޯމު ހަވާލުކުރެއްވީ ޑރ. މުއިއްޒާއި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) އަށެވެ.

މީގެ ކުރިން ސިރާޖުއަކީ އެމްޑީޕީގެ ކައުންސިލަރެކެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ ތާއީދުކުރެއްވީ ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް މައުލޫމާތު ލިބެއެވެ.

ސިރާޖު ޕީޕީއެމްއާ ގުޅިވަޑައިގެންނެވިކަން ފާހަގަކުރައްވާ ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލްގެ ރައީސް ގުޅިވަޑައިގަތުމުން އުފާކުރައްވާ ކަމަށާއި ކޮންމެ މީހަކުވެސް އެ މިސާލު ދައްކަން ގޮވާލެއްވިއެވެ.

ރޭގެ ޖަލްސާގައި ސިރާޖުގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 25 ޒުވާނަކުވެސް ވަނީ އަލަށް ޕީޕީއެމްއާ ގުޅިފައެވެ.

މުއިއްޒުގެ ކެމްޕެއިން ދަތުރުގައި ވަޑައިގަންނަވާ ގިނަ ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމްއާ ގުޅެމުން ދާއިރު އެކަން މުއިއްޒު ވަނީ އުފަލާއެކު ފާހަގަވެސް ކުރައްވާފައެވެ.