ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އާބަންކޯއިން ބުނީ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށެވެ.

ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު މިއަދު ފެށާފައިވާއިރު މި މަޝްރޫއު އަކީ މާލޭގެ ގިނަ ރައްޔިތުންނެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ދެކެމުން ދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން އިތުރަށް ބުނީ ހުޅުމާލޭގައި މިހާރު ތަރައްގީ ކުރެވެމުންދާ އެހެން ފިޔަވަހިތަކެކޭ ވެސް އެއްފަދައިން 3 ވަނަ ފިޔަވަހީގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް އެންމެ ޒަމާނީ ގޮތަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާކްތައް ހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހުޅުމާލެ ފޭސް 3 ގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅީފަޅު އަދި ދިޔަނެރު ފަޅުގެ ތަފާތު މަޝްރޫއުތައް މިހާރު ކުރިއަށްދާ ކަމަށް ވެސް އާބަންކޯއިން ވަނީ ބުނފައެވެ. އެ މަޝްރޫއުތަކަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން، މި ސަރަހައްދުގައި ސިނާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށްވެސް އެތައް ހައްލެއް ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށް އާބަންކޯއިން ބުނެއެވެ.

މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައި ދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެކެވެ.