އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވެންސްގެ ގޮތުގައި 7،000 ރުފިޔާދޭން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް ރޭ މާވެޔޮމަގުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި މަސައްކަތްކުރާ ޕްރިންސިޕަލުން ގެދޮރު ކުއްޔަށް ހިފުމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ މައްސަލަ ދިމާވާތީ ޕްރިންސިޕަލުންގެ ހައުސިން އެލަވަންސް ބޮޑު ކުރަން ނިންމަވާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދަދިނުމަށްޓަކައި އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސްގެ ގޮތުގައި 7،000 ރުފިޔާ ދޭން މިހާރު ނިންމައިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ރަށް ފިޔަވައި އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ޕްރިންސިޕަލުންނަށް "ރޫރަލް ރިޓެންޝަން ޕޮލިސީ"ގެ ދަށުން އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކަށް ހަތް ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވެސް ބުނެފައި ވާއިރު "ރޫރަލް ރިޓެންޝަން ޕޮލިސީ"ގެ ދަށުން ދޭ އިނާޔަތަށް ޝަރުތު ހަމަވާ ޕްރިންސިޕަލުންނާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވަނީ އެ ޕޮލިސީއާ ގުޅޭ އިތުރު މައުލޫމާތު ޕްރިންސިޕަލުންނާ ހިއްސާ ކުރައްވާފައެވެ.

މީގެއިތުރުން އުމުރުން 65 އަހަރުން މަތީ މީހުންނަށް ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރުމަށް ވެސް ރައީސް ސޯލިހް ނިންމަވާފައިވާކަން ރޭ ވަނީ އިއުލާނު ކުރައްވާފައެވެ. އަދި ވަޒީފާއިން މުސްކުޅިވާ އުމުރަކީ 65 އަހަރު ކަމަށް އޮތް ނަމަވެސް އެމީހަކު ބޭނުން ނަމަ 70 އަހަރުގައި ރިޓަޔާ ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.