ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާކުރެއްވުމުގައި ރިކޯޑް ހައްދަވާފައިވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ މިއަދު ރ. އިންނަމާދޫގައި ބޭއްވި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ އަނިޔާވެރިކަން މި ގައުމުގައި އޮތީ ހައްދު ފަހަނަ އަޅާ ގޮސްފައި ކަމަށާއި ރައީސް ޔާމީން ޖަލުގައި މިހާރު 1040 ދުވަސް ހޭދަކުރައްވާފައިވާ ކަމަށެވެ. އަދި މިއަދު މެންދުރުފަހު 1 ޖަހާއިރަށް ރައީސް ޔާމީންގެ ޝަރީއަތެއް ތާވަލުކުރި ނަމަވެސް ޝަރީއަތް ފެށެން ގަޑިއެއް ހާއިރު ވެފައި ވަނިކޮށް ކެންސަލް ކޮށްފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ހަމަ ކޮންމެ ދުވަހަކު ކަންތައް ކުރަނީ މިގޮތަށް ކަމަށާއި ރައީސް ޔާމީނަށް އަނިޔާ ކުރެއްވުމުގައި ސޯލިހު ވަނީ ރިކޯޑް ހައްދަވާ، ނުވަތަ ޗެމްޕިއަންކަން ހޯއްދަވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ކުރާ އަނިޔާ މި ގައުމުގެ ރައްޔިތުން ބަލައި ނުގަންނަ ކަން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ސާފުކޮށް ފެންނަ ކަމަށާއި ރައްޔިތުން ވަނީ ރައީސް ޔާމީނަށް އަނިޔާކުރަން ބޭނުން ނުވާ ކަމަށް ބުނެފައި ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުން އެހެން ބުނެފައި އޮއްވާވެސް އަނިޔާކުރަމުންދާ ކަމަށެވެ.

މިއަދު ކެންސަލް ވެފައިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުމެކެވެ. އެކަމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީނުގެ ހައިކޯޓް އިސްތިއުނާފުގެ އަޑުއެހުން ސުންގަޑިއަށް ވެފައި ވަނިކޮށް ޕީޖީ އޮފީހުގެ ވަކީލުން ބިޒީވުމުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ މިހާރު އުޅެނީ ނުބައި ކަމެއްގެ ތެރެއަށް ވައްޓާލަން ކަމަށާއި ނިޒާމުގެ ވޯޓު ބަރުލަމާނީ އާ ގެންދަން ކަމަށެވެ. އަދި މަޖިލީހުން ބިލެއް ފާސްކޮށްފައިވާ ކަމަށާއި އެކަން ކުރީ ފުރަތަމަ ބުރުގައި ލިބުނު ނާކާމިޔާބުގެ ސަބަބުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެ ވޯޓު މި މަހުގެ 29 ވަނަ ދުވަހު ނަގަން މަސައްކަތް ކުރާ ކަން މައުލޫމާތު ލިބިފައިވާ ކަމަށާއި ބަރުލަމާނީ ވޯޓަކީ އިންޑިއާ އަޑީގައި އޮވެގެން ކުރާ ކަމެއް ކަމަށާއި އިންޑިއާއިން ބޭނުމީ ސޯލިހަށް ވެރިކަން ހޯދައިދިނުމަށް ކަމަށެވެ. އަދި އިންޑިއާއިން ބުނާހާ ކަމެއް ކުރާނެ ވެރިއެއްގެ އަތްދޮށަށް ގެންދަން ކަމަށާއި ރައްޔިތުން އެ ފުރުސަތު ދީގެން ނުވާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަނިޔާ ކަމަށް އަދުރޭ އެ ސިފަ ކުރައްވަނީ އިސްތިއުނާފު ނުނިމި ޔާމީން ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާ ޖެހިވަޑައުގަތުމަށެވެ.