ނިމިދިޔަ މެއި މަހުން ފެށިގެން ބިލް ކުރާނީ ކުޑަ ޓެރިފް ރޭޓުގައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ގޭބީސީތަކުގެ ކަރަންޓު ރޭޓު ކުޑަ ކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. އެކްސްގައި އެ ދުވަހު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ކުޑަކޮށް، ޖޫން މަހުން ފެށިގެން އެކަން ތަންފީޒުކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.

އެއާއެކު ސްޓެލްކޯއިން މިރޭ ބުނީ، މެއި މަހުގެ ކަރަންޓު ބިލު ވެސް ތައްޔާރުކޮށްފައިވާނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ. އަދި މި ބަދަލާއެކު ކަރަންޓުބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

"ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއްވެސް ތައްޔާރު ކުރެވިގެންދާނީ އައު ޓެރިފްރޭޓްތަކަށް ކަމުގެ ޔަގީންކަން އަރުވަން،" ސްޓެލްކޯއިން ބުންޏެވެ.

ރައީސް ނިންމެވުމުގެ މަތިން ސްޓެލްކޯއިން ޓެރިފް ރޭޓްތަކަށް ގެނައި ބަދަލުތައް

މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯއިން ދަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް ވެސް ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދެމުންނެވެ. ސްޓެލްކޯއިން މިފަދައިން ނިންމާފައިވާއިރު އަތޮޅި ތެރޭގެ ގިނަ ރަށަކަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކައިން ވެސް އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓުގައި މެއި މަހުގެ ކަރަންޓުގެ ހިދުމަތަށް ބިލުކުރާނެ ކަމަށް ބުނެފަ އެވެ.

ކަރަންޓު ބިލު ބޮޑުވެ އެކަމުގެ ޝަކުވާ އާންމުން ދަނީ ސޯޝަލް މީޑިއާގައާއި އެހެނިހެން މަންސަ ތަކުގައިވެސް ކުރަމުންނެވެ. އެގޮތުން ސްޓެލްކޯއިން މާޗް މަހު ރޯދަ މަހާ ގުޅިގެން ދިން ޑިސްކައުންޓާ އެކު ވެސް ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އޭރު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

އަދި އޭޕްރިލް މަހުގެ ބިލު އެއްވަރުވުމުން ވެސް ގިނަ މީހުން ވަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް މި ކަމާއި ގުޅިގެން ސެޓްލެކޯއިން ވަނީ ދެ މަހުގެ ކަރަންޓު ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް އެއްވަރުވީ މިދިޔަ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓް ދިނުމުގެ ސަބަބުން ކަމަށް ބުނެފައެވެ.