މިއަހަރު ހައްޖުގެ އަޅުކަމަށް ގޮސް ހޭދަ ކުރާ ދުވަސްތައް ކުރު ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު ކުރައްވައިފިއެވެ.

މީގެ ކުރިން ދިވެހީން ހައްޖުގެ އަޅުކަމަށް 30-25 ދުވަސް ހޭދަ ކުރެއެވެ. ނަމަވެސް އެ ދުވަސްތައް ކުރުކޮށްފައިވާ ކަމަށް ބުނެ ބައެއް އާންމުން ވަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީހުން ޝުއޫރު ފާޅުކޮށްފައިވާ ގޮތުގައި އެ މީހުން ފައިސާ ދައްކާ ފައިވަނީ 25-30 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ސަރުކާރުން އެ މުއްދަތުން 10 ދުވަސް އުނިކުރިއިރު ދުރާލާ އަންގާފައި ނުވާ ކަމަށް ވެއެވެ.

"އެކަމަކު ދަތުރު ކުރު ކުރިއިރު އެއިން އެންމެ ފައިސާއެއް ވެސް މަދެއް ނުވޭ. އެ ފައިސާ ހޯދުމަށް އަޅުގަނޑުމެން ގުޅަން ވެސް ގުޅިން. އެކަމަކު ޖަވާބެއް ނުލިބޭ،" ސޯޝަލް މީޑިއާގައި މީހަކު ހިއްސާ ކޮށްފައި ވެއެވެ.

އާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އިސްލާމިކް މިނިސްޓަރު މީޑިއާތަކަށް ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ހައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ހައްޖު ކޯޕަރޭޝަނާ ހަވާލާދީ މިނިސްޓަރު ވިދާޅުވިއެވެ.

"އެއް ފްލައިޓްގައި އައި މީހުން 18 ދުވަސް، އަނެއް 3 ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެ." ޝަހީމް ލިޔުއްވާފައި ވެއެވެ.

ހައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭ ނަމަވެސް، މި ފަހު އަހަރުތަކުގައި އާންމުކޮށް 22 އާއި 25 ދުވަހު ދެމެދު ތިބިފައިވާ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެގޮތަށް ދިމާވަނީ ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީ ކަމަށެވެ. ނަމަވެސް މިފަހަރު އިންތިޒާމުތައް ހަމަޖެހިފައިވަނީ ވަރަށް ލުއިފަސޭހަގޮތަކަށްކަން ފާހަގަ ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފަހަރު ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި މިގޮތަށް އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްހަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"ވީމާ ގައުމީ މިފަދަ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކެވުން އިލްތިމާސްކުރަން. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލެއް ހޯދާނެކަމުގެ ޔަގީންކަން ދެން."
ޝަހީމް

ރާއްޖެއަށް ލިބިފައިވާ 1،000 ކޯޓާގެ ދަށުން މި އަހަރު ހައްޖަށް ދާ އެންމެން ވެސް މިހާރު ތިބީ މައްކާގަ އެވެ. އެހެން އަހަރުތަކާ ހިލާފަށް، މި އަހަރު ދިވެހި ހައްޖުވެރިންނަށް، 'މައްކާ ރޫޓް އިނީޝިއޭޓިވް'ގެ ދަށުން ގިނަ ލުއިތަކެއް ލިބެ އެވެ.