ދިވެހިން ހައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު މައްކާގައި ދިވެހި ހައްޖުވެރިންނާ ބައްދަލުކޮށްލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ހައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމުގައި ވިދާޅުވެފައެވެ. ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރާތް ކުރައްވައި، ހައްޖުވެރިންނާ ބައްދަލުކޮށްލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހީން ހައްޖަށް ފުރީއްސުރެ އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހައިވެސް ފުރިހަމައަށް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މިގޮތުން ހައްޖުވެރިންނާ ވަރަށް ގާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަހަރުގެ ޙައްޖުވެރިންގެ ހުރިހާކަމެއްވެސް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސައުދީ ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމުގެ މައްޗަށް އަ

މިއަދު ހަވީރު މައްކާގައި ދިވެހި ހައްޖުވެރިންނާ ރައީސް ބައްދަލު ކުރައްވަނީ

ލިއަޅުވައި ލެއްވިއެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ.

އަދި ދިވެހި ހައްޖުވެރިން މިނާގައި ތިބުންވެސް 'އަޕްގްރޭޑް'ކޮށް ހިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ދިވެހިންނަށް ހާއްސަ ކްލިނިކެއްވެސް ޤާއިމުކޮށް ދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހުރިހާ ކަމަކަށްޓަކައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަދި އެންމެހައި ދިވެހި ހައްޖާޖީންގެ ފަރާތްޕުޅުން ސައުދީ ރަސްގެފާނަށާއި ވަލީއަހުދަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިމޭރުމުން ދެއްކެވި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ސަރުކާރުން ދިވެހިންނާމެދު ދެކެނީ ވަރަށް ގާތްކޮށް، ވަރަށް އުޚުއްވަތްތެރި ކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައިކަން ފާހަގަކުރައްވައި، އެކަމަކީ ދިވެހިން އުފާކުރަންވާނެ ކަމެއްކަމުގައި ވިދާޅުވެފައެވެ.

ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ވަކިވަކި ހައްޖާޖީންނާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖެއަށް ލިބިފައިވާ 1،000 ކޯޓާގެ ދަށުން މި އަހަރު ހައްޖަށް ދާ އެންމެން ވެސް މިހާރު ތިބީ މައްކާގަ އެވެ.