ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލައްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ޝުޖާއު މަަގާމުގެ އިސްތިއުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައެވެ.

އެއާއެކު ހޯމް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާ ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރު 12:00ގެ ނިޔަލަށް ހުޅުވާލާފައެވެ. އަދި ވަގުތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ މި ތިން ބޭފުޅުންކަން މި ނޫހަށް ވަނީ އެނގިފައެވެ.

ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުށަހެޅޭނީ މިހާރު އެސިސްޓެންޓު ކޮމިޝަނަރުގެ ރޭންކު ތިއްބެވި ފުލުހުންނަށެވެ. އަދި ކޮމިޝަނަރު އައްޔަން ކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް އޭގެ ފަހުން ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބާތިލްކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ އެ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފައެވެ.

ޝުޖާއު އެ މަގާމަށް އައްޔަން ކުރެއްވިއިރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ. ޝުޖާއު ވަނީ ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމާއި އަދި ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ.