ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ފާސްކުރި ގަރާރު ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީއިން ބުނީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު މިއަދު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ކަމާމެދު ކޮމިޝަނުން އަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ މިހާރު ހޯދަމުންދާ ކަމަށެވެ.

އަންނަ މަހުގެ 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާ އެ ގަރާރު ފާސްކޮށްފައި ވަނީ މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 35 މެންބަރުންގެ އިއްތިފާގުންނެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރުގައި ގޮވައިލައްވާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެފައި ވަނީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިހާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ. އަދި އެ އިންތިހާބަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މިފަދަ އިންތިހާބެއް ބާއްވާއިރު އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށާއި ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އީސީގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.