ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލިސް ޖަލްސަގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި އެމްޑީޕީ އިން ތާއީދު ކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވާ ގައުމީ މަޖިލިސް އޮންނާނީ މިރޭ 8:30 ގައި އިމާދުއްދީން ސްކޫލުގައެވެ. ބޮނޑިބަތާ އެކު މި ޖަލްސާ ބައްވަން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މަޖިލީހަސް ވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅާފައެވެ. އެ ހުށަހެޅުމުއި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ނަމަވެސް މި މަހުގެ 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިސްލާހު ހުށަހަޅާ މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 31 މެންބަރުންގެ އިއްތިފާގުން އެ ގަރާރު ފާސްކޮށްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް މިއަދު އިލެކްޝަން ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ނިޒާމީ ވޯޓަށް އާންމުން ހޭލުންތެރި ކުރުމަށާއި ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވާލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތަކުގެ އިތުރުން އެ ވޯޓާ ގުޅޭ ކަންކަމަށް އެކަށީގެންވާ ވަގުތު އަދިވެސް ބޭނުންވާ ކަމަށެވެ. އަދި އެކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާ އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު މަޖިލީހުގެ އިދާރާއަށް ފަހުން އަންގާނެ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފެއްދި 'ދަ ޑިމޮކްރެޓްސް' އިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ މެންބަރުންގެ އިތުރުން އެ ޕާޓީގެ އާންމު މެންބަރުން ވެސް ވަނީ ބަރުލަމާނީ ނިޒާމަށް ވޯޓު ނުދޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ވިދާޅުވެފައެވެ.