ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށާއި ނިޒާމީ ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމް ބޭއްވުމަށްޓަކައި ކުރަން ޖެހޭ އަމަލީ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދަޅުވެއްޖެއެވެ.

މިރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ގޮތެއް ނިންމުމަށް ބަހުސް ކޮށްފައެވެ. އެ ގޮތުން އެ ބަހުސްގައި އެންމެ ފުރަތަމަ ފުރުސަތު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ދެ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކަކާއި ގޯސް ކަންތައްތަކެއް ހުރި ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމެއް ކަމަށް ފެނިވަޑައިގަންނަވަނީ ރިޔާސީ ނިޒާމް ކަމަށައި އެ ނިޒާމަށް އެ މަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ. ނިޒަމީ ވޯޓަކަށް ގޮސްފި ނަމަ، ރާއްޖޭގައި ރިޔާސީ ނިޒާމް ބޭއްވުމަށްޓަކައި ކުރަން ޖެހޭ އަމަލީ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދަޅުވިއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ފޮރިން މިނިސްތަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ

ނިޒާމާ ގުޅޭ ގޮތުން ބަހުސް ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވެސް ވިދަޅުވީ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާ ކަަމަށެވެ. ރިޔާސީ އިންތިހާބުގެ ވޯޓުން ރައްޔިތުން ޑރ. މުހައްމަދު މުއިއްޒަށް އެންމެ ގިނަ ވޯޓު ދީފައި ވަނީ، ރިޔާސީ ވެރިއަކަށް މުއިއްޒަށް ފުރުސަތު ދިނުމަށް ރައްޔިތުން ނިންމީމައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ރިޔާސީ ވެރިކަމެއް ހިންގަވަން މުއިއްޒަށް ފުރުސަތު ދެއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ވެސް ނެގި ނިޒާމީ ވޯޓުގައި ރިޔާސީ ނިޒާމަކަށް ތާއީދު ކުރެއްވި ކަމަށާއި އަދިވެސް ތާއީދު ކުރައްވާނީ ރިޔާސީ ނިޒާމަކަށް ކަމަށް ޝާހީދު ވިދަޅުވިއެވެ.

"އެ ބޭފުޅުން [ދަ ދިމޮކްރެޓްސް] އޭރު ބުނީ ރައީސް ސޯލިހް ނޫން ގޮތެއް، އެހެންވީމާ އަޅުގަނދު ބުނާނީ ބަރުލާމާނީ ނޫން ގޮތެއް"
އެމްޑީޕީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަށް ކެމްޕެއިން ކުރެއްވި އިރު ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި މިހާރު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނިޒާމާ ގުޅޭ ގޮތުން ބަހުސްގައި ވަނީ ވާހަކަ ދައްކަވާފައެވެ. އެނާ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން މި މަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓު ނަގަން ނިންމި ގޮތަށް އެ ވޯޓު ނަގަން ޖެހޭ ކަމަށާއި އެއަށްފަހު މަޖިލިސް ޕްރައިމަރީއާއި މަޖިލިސް އިންތިހާބައިގެން ކުރިއަށް ދާން ފެނިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ބޭފުޅުން ރައީސް ސޯލިހް ނޫން ގޮތެއް ބޭނުންވެގެން އުޅުމަށް ފަހު މަޖިލިސް އިންތިހާބުން ޑިމޮކްރެޓްސް އަށް ތައީދު ނުލިބޭނެ ކަން އެނގޭތީ އެ ބޭފުޅުން އެ އުޅެނީ އޮޅުވާލުން ގަނޑެއްގައި އެމްޑީޕީއާ އަލުން ގުޅެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއަށް އެންމެ ބޭނުންވާނީ ކޮން ނިޒާމެއްކަން ބަލަން ބޭނުން ނުވާ ކަމަށާއި އެ ބޭފުޅުން ބޭނުން ވާ ބަރުލާމާނީ ނިޒާމަށް އޭނާ ވިދާޅުވާނީ ނޫނެކޭ ކަމަށް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
"އަޅުގަނޑެއް ތައީދެއް ނުކުރަން ރައްޔިތުން ނިންމި ނިންމުމަށް ގޮން ޖަހާފައި އެހެން ގޮތަކަށް މި ވެރިކަން ބަދަލުކުރުމަށް އެއްވެސް ބަޔަކު އެއީ މި ޕާޓީ ތެރެއިން ވެސް އެ މަސައްކަތް ކުރަން އަޅުގަނޑެއް ނޭދެން. އެކަމަކަށް ތާއީދެއް ވެސް ނުކުރާނަން"
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް

މި ބަހުސްގައި ވަަހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު އަސްލަމް ވެސް ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަކަށެވެ. ޑިމޮކްރަސީގެ ފުރަތަމަ އަސާސަކީ މެޖޯރިޓީއަށް ތަބާވުން ކަމަށާއި ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ވަނީ ކުރިއަށް އޮތް ފަސް އަހަަރު ވެރިކަން ކުރާނީ ކޮން ބައެއް ކަން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއީ ބޭނުންވެވަޑައިގަނަވާ ގޮތް ނޫން ކަމުގައި ވިޔަސް އެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އިހްތިރާމް ކުރާ ނަމަ ރައްޔަިތުން ބޭނުންވި ގޮތަށް އެ ވެރިކަން ކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެ ހުށަހެޅުމުއި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ނަމަވެސް މި މަހުގެ 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިސްލާހު ހުށަހަޅާ މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 31 މެންބަރުންގެ އިއްތިފާގުން އެ ގަރާރު ފާސްކޮށްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް މިއަދު އިލެކްޝަން ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ނިޒާމީ ވޯޓަށް އާންމުން ހޭލުންތެރި ކުރުމަށާއި ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވާލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތަކުގެ އިތުރުން އެ ވޯޓާ ގުޅޭ ކަންކަމަށް އެކަށީގެންވާ ވަގުތު އަދިވެސް ބޭނުންވާ ކަމަށެވެ. އަދި އެކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާ އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު މަޖިލީހުގެ އިދާރާއަށް ފަހުން އަންގާނެ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފެއްދި 'ދަ ޑިމޮކްރެޓްސް' އިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ މެންބަރުންގެ އިތުރުން އެ ޕާޓީގެ އާންމު މެންބަރުން ވެސް ވަނީ ބަރުލަމާނީ ނިޒާމަށް ވޯޓު ނުދޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ވިދާޅުވެފައެވެ.