ނިޒާމީ ވޯޓު ނެގުމަށް ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާ އިލެކްޝަންސް ކޮމިޝަނުން ބުނެ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައިވާ ގޮތަށް، މަޖިލީހުގެ ގިނަ މެންބަރުން އެއްބަސްވާ ކަން ހާމަކޮށްފިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައެވެ. އެއާ ޖެހިގެން އައި ދުވަހު މަޖިލީހުގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގަރާރާ އެކު ސިޓީ އެއް ފޮނުވައިފައެވެ.
މަޖިލީހުގެ ފަރާތުން ފޮނުވި ސިޓީ އަށް ދިން ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، ނިޒާމީ ވޯޓާ މެދު އާންމުން ހޭލުންތެރިކުރުވުމަށާއި، ވޯޓުގައި ބައިވެރިވާ މީހުންގެ ރެޖިސްޓްރީ އެކުލަވާލައި، ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތަކުގެ އިތުރުން ވޯޓާ ގުޅުންހުރި އެހެނިހެން ކަންކަމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި، އެކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތަށް ބަލައި، ވޯޓުލުން ބޭއްވޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޓީ އާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރައްވަމުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، ސިޔާސީ ފަރާތްތަކުން ޒިންމާ ނަގައިގެން ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށާއި، ދެ ނިޒާމުގެ ހެވާއި ނުބައި ރައްޔިތުންނަށް އޮޅުންފިލުވައި ދޭން ޖެހޭ ކަމަށެވެ.
"ކޮންމެ ކަމެއްގަ ވެސް އޮންނާނެ ޕްރޯސް އެންޑް ކޯންސް، އެހެންވީމާ މި ކަންތައްތައް ރަނގަޅަށް ސާފުކޮށްދެވޭނީ އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސީ ޕާޓީތަކުން އެ ބޭފުޅުން ބޭނުންފުޅުވާ ގޮތަށް، ހާއްސަކޮށް ދައުލަތުގެ މީޑިއާ ސިޔާސީ ޕާޓީތަކަށް ވަގުތު ދީގެން،" އިލެކްޝަންސް ކޮމިޝަންގެ ސިޓީ އަށް ތާއީދުކުރައްވައި އޭނާ ވިދާޅުވިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ދެ ނިޒާމުގެ މައުލޫމާތު ފޯރުކޮށްދޭނީ ކޮން ގޮތަކާ މެދު މަޖިލީހުގެ މެންބަރުން ވިސްނާވަޑައިގަންނަވަން ޖެހޭނެއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ނިޒާމީ ވޯޓުގެ ތާރީހު ކަނޑައަޅަން ޖެހޭނީ ރައްޔިތުންނަށް ދެ ނިޒާމުގެ މައުލޫމާތު ސާފުކޮށްދިނުމަށް ފަހުގައެވެ.
"އެހެންވީމާ މި ދެންނެވި ހުރިހާ ކަމަކަށް ވިސްނާއިރު، އަޅުގަނޑު ހިތުން އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހޭ ކަމެއް އެއީ، ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތަށް ނިޒާމުގައި ހުރި ކަންކަމުގެ މުހިންމު މައުލޫމާތު ފޯރުކޮށްދެވިދާނެތޯ، އަޅުގަނޑުމެންނަށް މިހާރު މި ގެންދެވޭ ސްޕީޑުގަ ގެންގޮސް ވޯޓުގެ ކުރިން،" ހަސަން ވިދާޅުވިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިހާބު ނިމުނުތާ އަދި މި ވީ ކުޑަ ދުވަސްކޮޅެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންނަށް ދެ ނިޒާމާ ގުޅުންހުރި މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވިފައެއް ނެތެވެ.
ހަސަން ލަތީފް ދެއްކެވި ވާހަކަ އަށް ބާރު ދެއްވައި އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ނިޒާމީ ވޯޓުގެ ކަންކަން ކުރިއަށް ގެންދެވޭނީ ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ އިސްބޭފުޅުންނާ މަޝްވަރާކުރެވުމުން ކަމަށާއި، އެކަށީގެންވާ ވަގުތު އެކަމަށް ބޭނުންވާ ކަމަށެވެ.
"ރައްޔިތުންނާ ހަމައަށް ފުރިހަމައަށް މި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ފުރަތަމަ އަޅުގަނޑުމެން ކުރަން މި ޖެހެނީ،" އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ ބޮޑު މަސައްކަތެއް ކަމަށާއި، އެ މަސައްކަތް ކުރަން ޖެހޭނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ، ނިޒާމީ ވޯޓު ނެގުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވީ ވަރަށް ދަތި ވަގުތެއްގައި ކަމަށެވެ.
އަސްލަމް ގަބޫލުކުރައްވާ ގޮތުގައި، ގަރާރާ މެދު މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތެއް ނުލިބެއެވެ. ހަމަ އެހެންމެ އެ ގަރާރުގައި ހިމަނަންޖެހޭ މުހިންމު އެތައް ކަމެއް ހިމެނުނު ކަމަކަށް ވެސް އޭނާ ގަބޫލެއްނުކުރައްވައެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ މި ގަރާރާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނުން ފޮނުއްވާފައިވާ މި ސިޓީފުޅު މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ފޮނުއްވަން،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ހުށަހެޅުއްވީ އިލެކްޝަންސް ކޮމިޝަންގެ ސިޓީ އާއި އިލްޔާސްގެ ގަރާރު މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ފޮނުވައި، ގަރާރުގައި ހުރި ކަންބޮޑުވުންތައް ކޮމިޓީ މަރުހަލާގައި ސާފުކުރުމަށެވެ. އަސްލަމް ފާހަގަކުރެއްވި ގޮތުގައި، މި ކަންކަން ސާފުކުރެވޭނީ އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ ފަރާތްތައް ކޮމިޓީ އަށް ހާޒިރުކުރެވިގެންނެވެ.