ރިޔާސީ ނިޒާމަށް ތާއީދު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

މިރޭ އެމްޑީޕީ ގައުމީ މަޖިލީހުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. 90 މެންބަރުން ބައިވެރިވި އެ ވޯޓުގައި އެންމެންވެސް ބުނީ "ބަރުލަމާނީ ނިޒާމަށް ނޫނެކޭ" އެވެ.

މި ޖަލްސާގައި އެމްޑީޕީގެ 90 މެންބަރުން ބައިވެރިވެފައި ވާ އިރު، ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއް މެންބަރަކު ފިޔަވާ ދެން ތިބި ހުރިހާ މެންބަރުން ވަނީ ރިޔާސި ނިޒާމަށް ތާއީދު ކުރާ ކަަމަށް ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ އެމްޑީޕީ ގެންނަން ނުފެންނަ ކަމަށް އެ މެނބަރުން ވަނީ ބުނެފައެވެ.

އެ މެންބަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކަމަށާއި ނަޝީދު އަނބުރާ އެމްޑީޕީއަށް ގެންނަން ޖެހޭ ކަމަސް ވިދާޅުވީ ކާށިދު ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެލު އެކަންޏެވެ. ގައުމީ މަޖިލީހުގައި ވޯޓަށް އެހި އިރު ޖާބިރު ވަނީ މަޖިލިސް ދޫކުރައްވާ ވަޑައިގެންފައެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ގޮތެއް ނިންމުމަށް ކުރި ބަހުސްގައި އެންމެ ފުރަތަމަ ފުރުސަތު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ދެ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކަކާއި ގޯސް ކަންތައްތަކެއް ހުރި ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމެއް ކަމަށް ފެނިވަޑައިގަންނަވަނީ ރިޔާސީ ނިޒާމް ކަމަށައި އެ ނިޒާމަށް އެ މަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ. ނިޒަމީ ވޯޓަކަށް ގޮސްފި ނަމަ، ރާއްޖޭގައި ރިޔާސީ ނިޒާމް ބޭއްވުމަށްޓަކައި ކުރަން ޖެހޭ އަމަލީ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދަޅުވިއެވެ.