ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.

ރައޫފް ޕީޕީއެމަށް ސޮއިކުރައްވާފައި ވަނީ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައޫފްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޖޭޕީ މެންބަރު އަހުމަދު ހަމީދު (ފްލައި) ވެސް ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފައެވެ.

އެ ހަފްލާގައި ވަނީ ޕީޕީއެމަށް މުޅިން އަލަށް ގުޅޭ 50 މެންބަރުންގެ ފޯމް މވެސް ހަވާލުކޮށްފައެވެ.

ހައިކޯޓުގެ ފަނޑުޔާރު ކަމުން ރައޫފު އިސްތިއުފާ ދެއްވާފައި ވަނީ ޖޭއެސްސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅަން ޖޭއެސްސީން ނިންމާ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. ރައޫފު ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވަނީ ފްލެޓްތަކެއް ބައްލަވައިގެން މައްސަލައެއްގައެވެ. އެހެންނަމަވެސް އެ މައްސަލަ ޖޭއެސްސީން ކުރިއަށް ގެންގޮސްފައި ވަނީ އިޖުރާއަތާ ހިލާފަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ބުނެފައެވެ.

ރައޫފު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައި ވަނީ މާޗް 26، 2021 ގައެވެ. އޭނާއަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.