ސޮނީ ޓީވީ އިން ގެނެސްދޭ މަޝްހޫރު ލަވަ ޝޯ "އިންޑިއަން އައިޑަލް" ގެ 14 ވަނަ ސީޒަން ގެނެސްދޭން ތައްޔާރު ވެއްޖެއެވެ.

ޖުމްލަ ތިން ޖަޖުންނާއެކު ފަށާ މި ޝޯ އަންނަ މަހު 7 ގައި ފެށުމަށް ހަމަޖެހިފައިވާއިރު އެ ދުވަހުން ފެށިގެން އިންޑިއާގެ އެކި ސިޓީތަކުގައި އޮޑިޝަންތައް ފަށާނެއެވެ. އެ އޮޑިޝަނުން އެންމެ މޮޅު ލަވަކިޔުންތެރިން ހޮވުމަށްފަހު ތިއޭޓާ ރައުންޑް ބާއްވާނެއެވެ. އެ ބައިންވެސް ކުދިން މަދުކުރުމަށްފަހު ޕިއާނޯ ރައުންޑް ފަށާނީ ޖުމްލަ 16 ބައިވެރިންނާއެކުގައެވެ. މިފަހަރުގެ ޖަޖުންގެ ޕެނަލުގައި ހިމެނެނީ ކުމާރު ސާނޫ، ޝްރެއާ ގޯޝަލް އަދި ވިޝާލް ދަދުލާނީއެވެ. މި ޕެނަލްގައި މިފަހަރު މުޅިން އަލަށް ކުމާރު ސާނޫ ބައިވެރިވެއެވެ. އޭނާ އަކީ ނުވައިދިހައިގެ އަހަރުތަކުގައި ރީތި އެތަކެއް ލަވަތަކެއް ކިޔައިދީފައިވާ ފަންނާނެކެވެ. އޭގެ އިތުރުން އިންޑިއާގައި އުފެދުނު އެންމެ މޮޅު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޝްރެއާ އަކީ ވެސް މިހާތަނަށް ރީތި ގިނަ ލަވަތަކެއް ގެނެސްދީފައިވާ ތަރިއެކެވެ. ހަމައެގޮތަށް ވިޝާލް އަކީ ވެސް މޮޅު ލަވަކިޔުންތެރިއެކެވެ.

މިހާރު މި ސީޒަނުގެ ޕްރޮމޯވެސް ދައްކާލާފައިވާއިރު ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި މިފަހަރުގެ ޝޯގައި ގިނަ އަދަދަކަށް ބައިވެރިން ބައިވެރިވާނެ ކަަމަށެވެ. އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަނެއް ބެލުންތެރިންނާ ހަމައަށް އައީ 2004 ވަނަ އަހަރުގައެވެ. އައިޑަލްގެ 13 ވަނަ ސީޒަން ކާމިޔާބުކުރީ އުމުރުން 20 އަހަރުގެ ރިޝީ ސިންހް އެވެ. އިންޑިއާގެ އިތުރުން ރާއްޖޭގައިވެސް ވަނީ މޯލްޑިވިއަން އައިޑަލްގެ ނަމުގައި އައިޑަލްގެ ތިން ސީޒަނެއް ކާމިޔާބު ކަމާއެކީ ގެނެސްދީފައެވެ.