ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅިވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދެވަނަ ބުރުގައި ރަށްރަށަށް ކުރައްވާ ދަތުރުގެ ތެރެއިން ހދ. ނޮޅިވަރަމްފަރަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، މިހާރު ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ގްރާންޓަކީ ކައުންސިލްތަކަށް އެންމެ އެކަށޭނަ ފަންޑެއް ނޫން ކަމަށާއި ސަރުކާރުގެ ތެރެއިން ވެސް ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ.
އެ ކަންކަން ހަމަޖެއްސުމަށް ޓަކައި، އޭނާގެ ސަރުކާރެއްގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑު ކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާނެ ކަމަށާއި ނަމަވެސް، ބަދަލުތަކެއް ގެންނަން ނިންމާފައި ވަނީ އެ ދެ މުވައްސަސާއަށް އެކަނި ނޫން ކަމަށް ވިދާޅުވިއެވެ.
އެގޮތުން ސިވިލް ސާވިސް އާއި ޔުނިފޯމް އެޅި އެހެން އިދާރާތަކާއި މިނިވަން މުވައްސަސާތައް ވެސް ހިމެނޭ ގޮތަށް މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަން ކުރައްވާނީ އިގުތިސޯދު ނަގާ ކޮޅަށް ޖެހުމަށްފަހު މަރުހަލާތަކަށް ބަހާލައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
މަރުހަލާތަކަކަށް ބަހާލައި މުސާރަ ބޮޑުކުރާނެ ގޮތުގެ އިތުރު ތަފްސީލު އަދި ފަހުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުން ކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.
ކެމްޕެއިންގެ 2 ވަނަ ބުރަށް މުއިއްޒު އުތުރަށް މިހާރު ކުރައްވާ ދަތުރުގައި ހއ. ހދ އަދި ށ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެއެވެ.