މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މި މަހުގެ ފަހު ދުވަހު އޮންނަ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެ، ފުޓްބޯޅަ މެޗު ކުރިއަށް ދާ ގޮތުން މިސާލު ނަންގަވައިފިއެވެ.

މަޖީދިއްޔާ ސްކޫލް ކައިރީގައި ހުންނަ ސޯސަން ޖަގަހައިގައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ފުރަތަމަ ބުރުން ނިކުތް ނަތީޖާ އާ އެކު އެމަނިކުފާނަށް ދެވަނަ ބުރު ހޯދައިދޭން މުޅި މާލެ އެކީގައި ނިކުމެއްޖެ ކަމަށެވެ.

އެމަނިކުފާނު ސިފަކުރެއްވީ ރިޔާސީ އިންތިހާބަކީ ފުޓްބޯޅަ މެޗެއްގެ ގޮތުގައެވެ. 'ފުރަތަމަ ހާފް ނިމިއްޖެ' ކަމަށް ވިދާޅުވެ، ރައީސް އިޝާރާތްކުރެއްވީ އިންތިހާބުގެ ފުރަތަމަ ބުރަށެވެ.

"ފުރަތަމަ ހާފު ނިމުމަކީ މެޗު ނިމުމެއްނޫން، ބައެއް ފަހަރު ފުރަތަމަ ހާފުގައި ތިން ލަނޑު އެއް ލަނޑުން، ހަތަރު ލަނޑު އެއް ލަނޑުން ބަލިވޭ، އެއްބަޔަކު މޮޅުވޭ،" އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގަތް ނާކާމިޔާބީ ސިފަކުރައްވައި ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މި ތިބީ އެގޮތަށް ބަލާނަމަ ތިނެއް އެކެއްގެ ތަފާތަކުން [ފަހަތުގައި]، އިރާދަކުރެއްވިއްޔާ ދެވަނަ ހާފުގައި އަޅުގަނޑުމެން ނިކުމެ އެ ވަރަށް ހަމަކޮށް އިތުރު ދެ ލަނޑު ޖަހައި ފަސް ލަނޑު ދެ ލަނޑުން އިރާދަކުރެއްވިއްޔާ މި މެޗު އަޅުގަނޑުމެން ކާމިޔާބުކުރާނަން،" ދެވަނަ ބުރުގައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ވަރަށް ޔަގީން ކަމާ އެކު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 'ޗޭންޖިން ރޫމް' އަށް ވަދެ، ދެވަނަ ހާފުގައި ކުޅުން ކުރިއަށް ގެންދާނެ ގޮތް ރާވާލައިފިން ކަމަށާއި، ބުންވަރު ހުރި މީހުން ކުރިއަށް ނެރެ، ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލު ވެސް ކުރައްވައިފިން ކަމަށެވެ. ބެލެވޭ ގޮތުގައި ރައީސް އެ އިޝާރާތްކުރެއްވީ ކެމްޕެއިން ޓީމުތަކާ ދެމެދު އެމަނިކުފާނު ބާއްވަވާ ބައްދަލުވުންތަކަށެވެ.

"މިހާރު މި ދަނީ އެޓޭކް މޯޑުގަ، އިރާދަކުރެއްވިއްޔާ ގޯލު ދެން ޖަހާނީ، ގޯލަކަށް ފަހު ގޯލެއް އަޅުގަނޑުމެން ޖަހާނަން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ރީރެޖިސްޓްރީ ނުކުރެވުމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ވޯޓު ނުލެވުނުކަން ފާހަގަކުރައްވައި، ރީރެޖިސްޓްރީ ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ. އެއަށްފަހު، ދޮރުން ދޮރަށް ހިނގައި، އެމަނިކުފާނަށް އިންތިހާބު މުހިންމުވާ ސަބަބު އާންމުންނަށް ކިޔައިދިނުމަށް، އެމްޑީޕީގެ ކެމްޕެއިން ޓީމްތަކުގެ ގާތުން އެމަނިކުފާނު އެދިވަޑައިގަތެވެ.

ވާދަވެރި އިދިކޮޅު ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ، މުއިއްޒު ވައުދުވެވަޑައިގަންނަވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށާއި، މަގުސަދަކީ ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރައްވައި އަނިޔާވެރިކަން ފެތުރުން ކަމަށެވެ.

"ނަމަނަމަ އަޅުގަނޑުމެން އެކަން ވިޔަ ދީގެން ނުވާނެ،" އިންތިހާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި ރައީސް ވިދާޅުވިއެވެ.