ހަންބޯ ކުންފުނިން ހުޅުމާލޭގައި އަޅަމުންދާ ކޭ-ޕާކް ރެސިޑެންސްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި، އެޕާޓްމަންޓުތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި އެ ކުންފުނިން ބުނެފިއެވެ.

ހަންބޯއިން ބުނީ ހުޅުމާލޭގައި 110 ޔުނިޓުގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްކެއް (ކޭ-ޕާކް ރެސިޑެންސް) އިމާރާތް ކުރުމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަންބޯ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މިއަހަރުގެ ނިޔަލަށް ތަނުގެ މަސައްކަތް ނިންމައި، އެޕާޓްމަންޓުތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދިވެހި ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހުގެ ފަރާތުން މަކަރާއި ހިލާތުން ގިނަ އަދަދެއްގެ ބަޔަކަށް އޮޅުވާލައިގެން ކޭ-ޕާކުގެ އެޕާޓްމެންޓުތައް ވިއްކާފައިވާ މައްސަލާގައި ހަސަން މަމްދޫހު މިނިވަންވެފައި ހުންނަ ހުރުމަކީ އެ ކުންފުނީގެ ފަރާތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ހާބަންކޯއިން ބުނެއެވެ. އަދި މަމްދޫހުގެ ފަރާތުން 100އަށްވުރެ ގިނަ އާންމު ފަރާތްތަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން އެޕާޓްމަންޓުގެ މުއާމަލާތްކޮށްފައިވާއިރު މިކަން މޭ މަހުގެ 2 ވަނަ ދުވަހު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިފައިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހަންބޯއިން އިތުރަށް ބުނީ މަމްދޫހުގެ މައްޗަށް މިހާރު ހިނގަމުންދާ ތަހްގީގު އަވަސްކޮށް މަމްދޫހުގެ މައްޗަށް ދައުވާ ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ. އަދި މި ކަމަކީ ރައްޔިތުންގެ ހައްގުގައި އަދި މުސްތަގްބަލުގައި މިފަދަ ކަންކަން ހުއްޓުވުމަށާއި، އަދުލު އިންސާފަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭ ކަމަށާއި މިހާރުގެ ސަރުކާރާއި، އަދި މުސްތަގްބަލުގައި ސަރުކާރާއި ހަވާލުވާންތިބި ހުރިހާ ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން މިކަމަށް އިލްތިމާސްކުރާ ކަމަށެވެެ.

އެ ކުންފުންޏަށް ޝަކުވާ ހުށަހެޅި ފަރާތްތަކާ ބައްދަލުކޮށް، އިތުރަށް ކުރިއަށްދެވޭނެ ގޮތްތަކާއި މަޝްވަރާ ކުުރުމަށްޓަކައި މިއަދުން ފެށިގެން ޝަކުވާ ހުށަހެޅި ފަރާތްތަކާ ވަކިވަކިން ބައްދަލުކުރަމުންދާނެ ކަމުގައި ހަންބޯ ކުންފުނިން ބުނެއެވެ. އަދި އެ ކުންފުނީގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، މަމްދޫހު މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައިވާތީ މަމްދޫހުއާ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.