މި އަހަރުގެ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ބައިލައްކަ އަށް ވުރެ ގިނަ މީހުން ވޯޓު ނުލާ ކަން، އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ކޮމިޝަނުން ގެޒެޓުކުރި ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
- ވޯޓުލުމުގެ ހައްގު 282،395 މީހުންނަށް ލިބިގެންވޭ
- ވޯޓު ނުލާ 56،909 މީހުން އެބަތިބި، އެއީ 20.15 ޕަސެންޓު
އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ 225،486 މީހުންނެވެ. އެއީ ވޯޓު ލެވޭ މީހުންގެ 79.85 ޕަސެންޓެވެ.
އެހެންކަމުން މިއީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި އޭގެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މިހާ މަދުން ވޯޓު ލާން މީހުން ނުކުތް ފަހަރެވެ. ނަމަވެސް މި މަހުގެ 30 ގައި އޮންނަ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލާން ގިނަ މީހުން ނުކުތުން އެކަށީގެންވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވޯޓުލީ މީހުންގެ ތަފާސްހިސާބުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކުރި އިއުލާނުގައި ވަނީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ރަސްމީ ނަތީޖާ ވެސް ހާމަކޮށްފައެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އާ އަޅާ ބަލާއިރު މާ ބޮޑު ތަފާތެއް ފެންނަން ނެތްކަން ފާހަގަވެއެވެ. އިންތިހާބުގެ ރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި:
- ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު (އަމިއްލަ): 6،343 (2.87 ޕަސެންޓު)
- ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން ޒަމީލް (އަމިއްލަ): 327 (0.15 ޕަސެންޓު)
- ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ): 86،161 (39.05 ޕަސެންޓު)
- މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ): 101،635 (46.06 ޕަސެންޓު)
- ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް (ޖުމްހޫރީ ޕާޓީ): 5،460 (2.47 ޕަސެންޓު)
- އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން (އަމިއްލަ): 2،979 (1.35 ޕަސެންޓު)
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް): 15،839 (7.18 ޕަސެންޓު)
- އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ): 1،907 (0.86 ޕަސެންޓު)
އެހެންކަމުން އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުން ދެވަނަ ބުރަކަށް ދިޔައީ މިހާރުގެ ރައީސާއި މައި އިދިކޮޅު ކެންޑިޑޭޓު މުއިއްޒެވެ.