ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރު ވެސް ދިޔައީ ހަމަހަމަކަމާއި ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިންތިހާބަށް ފަހު ސުލްހަވެރިކަމާ އެކު ކަންކަން ކުރިއަށް ގެންދިއުމަށް، ކޮމަންވެލްތުން ނެރުނު އިންތިހާބާ ގުޅޭ ބަޔާނުގައި ގޮވާލައިފިއެވެ.

ކޮމަންވެލްތުގެ ފަރާތުން އިންތިހާބުގެ ކަންކަން ވިލަރެސްކުރުމަށް ރާއްޖެ ވަޑައިގެންނެވި ބޭފުޅުންގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ އިންތިހާބުގެ ކަންކަން ޖުމްލަގޮތެއްގައި ކުރިއަށް ދިޔައީ ރަނގަޅަށް ކަން ފާހަގަކޮށްފައެވެ. ކޮމަންވެލްތުގެ އޮބްޒާވަރުންގެ ގްރޫޕްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ، އިންތިހާބުގެ ފުރަތަމަ ބުރާ ގުޅިގެން އެ ގްރޫޕުން ދިން ލަފަޔާއި އިރުޝާދުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން ގިނަ ކަންކަން ރަނގަޅުކުރި ކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ދިމާވި އެއް މައްސަލައަކީ ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައި ހުރި ބޫތުތައް ހަދާފައިވާ ހުރި ގޮތެވެ. އެހެންވެ ބައެއް މީހުން ވޯޓުލި ވަގުތު ވޯޓުގެ ސިއްރުކަން ގެއްލިފައިވާ ކަން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ. އެ ކަންކަން ރަނގަޅުކޮށް، ދެވަނަ ބުރުގައި ބޫތުތައް ބަހައްޓާފައި ހުންނަ ގޮތަށް ބަދަލު ގެނެސް، ވޯޓުލާ މަރުކަޒުތައް އެހެން ތަންތަނަށް ބަދަލުކޮށް، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު ކަމަށް، އެ ބަޔާނުގައި ބުންޏެވެ.

ދެވަނަ ކަމަކަށް މީގެ ކުރިން ފާހަގަވި ކަމަކީ ވޯޓުލާ މަރުކަޒުތަކުގެ ކިޔޫ ދިގުވުމެވެ. އެހެންކަމުން ކިޔޫގެ މައްސަލަ ހައްލުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ދެވަނަ ބުރު ވޯޓުފޮށި އިތުރުކޮށް، މީހުން ގިނަ ވަގުތު ކިޔޫގައި މަޑުކުރަން ނުޖެހޭ ގޮތް ހަދާފައިވާ ކަން ކޮމަންވެލްތުގެ ގްރޫޕުން ފާހަގަކުރިއެވެ.

ހަމަ އެއާއެކު، ވޯޓުލާން ކަނޑައަޅާފައިވާ ގަޑި އިތުރުކުރުމުގެ ސަބަބުން ވޯޓުލި މީހުން ފުރަތަމަ ބުރަށް ވުރެ އިތުރުވެފައިވާ ކަމަށާއި، ދެވަނަ ބުރުގައި ގިނަ ޒުވާނުންނާއި އަންހެނުން ވޯޓު ލާން ނިކުތް ކަމަށް، ކޮމަންވެލްތުގެ ގްރޫޕުން ނެރުނު ބަޔާނުގައި ބުންޏެވެ.

ހަމަ އެއާއެކު، ބައެއް ގޮނޑިތައް ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވި، މާބަނޑު މީހުންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ވޯޓު ކިޔޫގައި އިސްކަން ދީފައިވާ ކަން ވެސް އެ ގްރޫޕުން ފާހަގަކުރިއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި، އިންތިހާބުގެ އޮބްޒާވަރުންނާއި ޕާޓީތަކުގެ މަންދޫބުންނާއި މޮނިޓަރުން އަމަލުކުރީ އުސޫލުތަކާ އެއްގޮތަށް ކަން ވެސް ފާހަގަކުރިއެވެ.

ޖުމްލަ ގޮތެއްގައި ކޮމަންވެލްތުގެ ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ އިންތިހާބު ދިޔަ ގޮތާ މެދު ތައުރީފްކޮށްފައެވެ. މިއަދު ނެރުނު ބަޔާނުގައި އެއްވެސް ކަމެއް ނުރަނގަޅުކޮށް ދިޔަކަން ފާހަގައެއް ނުކުރެއެވެ.

ކޮމަންވެލްތުގެ ގްރޫޕްގެ އިތުރުން، ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އެޗްއާރުސީއެމުން ވެސް ވަނީ އިންތިހާބުގެ ދެވަނަ ބުރުގެ އިންތިޒާމުތަކަށް ތައުރީފްކޮށް އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.