ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އަށް އެއްވެސް ބަދަލެއް ނާންނަކަން، އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ނަތީޖާ އިން ހާމަވެއްޖެއެވެ.

މިދިޔަ ހޮނިހިރު ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން:

  • އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު: 129،159 ވޯޓު
  • މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: 109،868 ވޯޓު

މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވަނީ ރަސްމީ ނަތީޖާ އިއުލާނުކުރައްވައިފައެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު އާންމުކުރި ނަތީޖާ އަށް އެއްވެސް ބަދަލެއް ނާދެއެވެ.

މި މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރެއްވި ފަދައިން، ދެވަނަ ބުރުގައި ބާތިލް ވޯޓުލީ މީހުންގެ ނިސްބަތް ފުރަތަމަ ބުރަށް ވުރެ ގިނަ ކަމަށް ވިދާޅުވި ވިދާޅުވުން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ވެސް ތަކުރާރުކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކޮމިޝަނުގެ މެންބަރުންނަށް ބާތިލް ހުރިހާ ވޯޓެއް ނުފެނުނު ނަމަވެސް، ކޮމިޝަނަށް ލިބިފައި ހުރި ބައެއް ފޮޓޯތަކުން ވޯޓު ބާތިލްވާ ބައެއް ސަބަބުތައް ފާހަގަކުރެވުނު ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް ހުރި އިންތިހާބުތަކުގެ ކުރިން ކޮމިޝަންގެ ފަރާތުން ކުރަން ޖެހޭ ދިރާސާކޮށް، ވޯޓު ބާތިލްވާ ސަބަބުތައް ސާފުކުރާނެ ކަމަށާއި، އެއަށް ފަހު އާންމުން ހޭލުންތެރިކުރުވުމަށް ކުރެވެން ހުރި މަސައްކަތް ކޮމިޝަންގެ ފަރާތުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.