ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރަމުންދާ މި ދަނޑިވަޅުގައި އެމްޑީޕީގެ މެންބަރުންނާ އެއްވެސް ބަޔަކު ދިމާނުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބުކުރުމަށް ބޭއްވި މައި އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ތެރެއިން ގުނައި ނިމުނު 355 ފޮށީގެ ނަތީޖާ ދައްކާ ގޮތުން 10 ހާސް ވޯޓުގެ ތަފާތަކުން ކުރީގައި އުޅުއްވަނީ މާލޭގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވައިފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

އެމްޑީޕީގެ ފަރާތުން 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ރައީސްކަން ވެސް ކުރެއްވި ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނަށް ތާއީދުކުރައްވާ މީހުންގެ ކިބައިން އެދިވަޑައިގަތީ އެމްޑީޕީގެ ސަޕޯޓަރުންނަށް ފުރައްސާރަނުކުރުމަށާއި ދިމާނުކުރުމަށެވެ.

"އެއްވެސް ފަރާތަކުން އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސް ބުނެ ފުރައްސާރަނުކުރުމަށް ވަރަށް އެދެން، ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރިކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ވަޑައިގަތީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާ އަށް އިންތިހާބުވެވަޑައިގަތުމަށް ފަހުގައެވެ. ނަމަވެސް ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދިއުމަށް ފަހު މިދިޔަ ޖޫން މަހު ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން އުފެއްދެވި 'ދަ ޑިމޮކްރެޓްސް' އާ ގުޅިވަޑައިގެންފައެވެ.

އެމްޑީޕީން ވަކިވެވަޑައިގަތުމުގެ ކުރިން ނަޝީދު ހުންނެވީ ޕާޓީގެ ރައީސްގެ ގޮތުގައެވެ.