ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަލި ގަބޫލުފުޅު ކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބުކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ތެރެއިން އެންމެ ފޮށްޓެއް ފިޔަވައި ހުރިހާ ފޮށިތައް ގުނައި ނިމުނުއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން 18 ހާހެއްހާ ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ.މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވައިފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ސޯޝަލް މީޑިއާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އިންތިހާބު ކާމިޔާބުކުރެއްވި މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ.އިންތިހާބު ކުރިއަށް ދިޔަ ވަގުތު ރައްޔިތުން ރީތި ނަމޫނާ އެއް ދައްކާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދިން ރައްޔިތުންނަށް ޝުކުރު ދަންނަވައިފައެވެ.

ދާދިފަހުން ނިމުނު އިންތިހާބުގެ ވަގުތީ ނަތީޖާ އިން ކުރި ހޯއްދެވި މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ.