ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިމުމުގެ ކުރިން ވެރިކަން ކުރާ ނިޒާމް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގަރާރެއް ޑިމޮކްރެޓުންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، މަޖިލިހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި ކުރިއަށްދާނެ ޕާޓީއަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޑިމޮކްރެޓުންގެ ޖަގަހައިގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، 2008 ވަނަ އަހަރު ފެހި ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި އެއްވެސް އިންތިހާބެއް ކާމިޔާބުކުރި ޕާޓީތަކަށް މެޖޯރިޓީ ނުލިބޭ ކަމާއި ކޮންމެ ފަހަރަކު އެހެން ޕާޓީތަކާ އެކު ބައިއަތު ހިފަން ޖެހޭ ކަން އިލްޔާސް ފާހަގަކުރެއްވިއެވެ.
ހަމަ އެއާއެކު، އެއްވެސް ވެރިކަމެއްގައި ރައްޔިތުންނަށް ވައުދު ފުއްދުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށާއި، ހަމަ އެކަނި ކުރެވެނީ ޖަލުގައި ތިބި ބަޔަކު މިނިވަންކޮށް ވެރިއަކު ބޭލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި މި އަހަރުގެ މި ދައުރު ނިމުމުގެ ކުރިން ނިޒާމް ބަދަލުކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ 30 ގައެވެ.
ފާހަގަކުރެވޭ ގޮތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ތިންވަނަ ހޯއްދެވީ އިލްޔާސެވެ. ދެވަނަ ބުރުގައި ތާއީދުކުރާނެ ފަރާތެއް ނިންމާނީ ޕާޓީގެ ކައުންސިލާއި ސަޕޯޓަރުންނާ އެކު މަޝްވަރާކުރުމަށް ފަހު ކަމަށް މިދިޔަ އާދީއްތަ ދުވަހު ވިދާޅުވި ނަމަވެސް އޭނާ މިއަދު ވިދާޅުވީ، ޕީޕީއެމުން ވެސް އެމްޑީޕީން ވެސް ޑިމޮކްރެޓުންނާ އެކު މަޝްވަރާކުރާކުރަން ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ޑިމޮކްރެޓުންނަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ އަށް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ މަޖިލީހުގައި ވާހަކަ ދައްކަވައިފައެވެ.
އިލިޔާސް ލަބީބުމެން ބަލި ގަބޫލުކުރާނެ އެއްވެސް ގޮތެއް ނޯވޭ އޮތަ. މި މީހުންނަކީ މުޅި ޤައުމަށް ޖެހިފައިއޮތް ބަލިމަޑުކަމެއް.