ދަ ޑިމޮކްރެޓްސް އުފައްދަން ޖެހިވަޑައިގަތީ ކޮރަޕްޝަންތައް ނުބަލާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ ވިދާޅުވީ އެމްޑީޕީ ތެރެއިން ނުކުމެވަޑައިގެން ދަ ޑިމޮކްރެޓްސް އުފައްދަން ޖެހިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ތެރޭގައި އޮތް ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، ރިޝްވަތާއި ވައްކަމާއި އަދި ފްރޯޑުގެ ބޮޑު ނެޓްވޯކެއް އޮތުމުގެ ސަބަބުން ކަމަށެވެ.

އެ ނެޓްވޯކުގައި މަޖިލިސް މެންބަރުންނާއި މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއި އަދި އެ ބޭބޭފުޅުންގެ ގާތް މީހުން ހިމެނޭ ކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވަނީ އެ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އީވާ މި ފަދައިން ވިދާޅުވެފައި ވާއިރު މިދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓުގައި ވާދަކުރެއްވި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވަނި މި ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އިލްޔާސް ވިދާޅުވީ ރައީސް ސޯލިހާއި އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭ ކަމަށާއި ފިޔަވަޅު ނާޅާ ދޫ ނުކުރެވޭނެ ކަމަށެވެ. އަދި ދަ ޑިމޮކްރެޓްސް އަބަދުވެސް ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އީވާގެ އިތުރުން އިލްޔާސް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް އަލުން ވެއްދުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ. މީގެ ކުރިންވެސް މަޖިލީހުގެ ރައީސްއާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުމަށް ފަހު އެމްޑީޕީގެ ޕީޖީއިން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ. އަދި ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީއިން ވަނީ މަސައްކަތް ކޮށްފައެވެ.