މާރާމާރީ ހިންގައިގެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން އުޅުއްވާނެ ކަމެއް ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން މެދުކަނޑާލުމަށްފަހު ފެށުމަށްފަހުވެސް އިހުތިޖާޖުކޮށް، ގަޔަށް އަތްލާ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވުމާ ގުޅިގެންނެވެ.

މިއަދުގެ ޖަލްސާއަށް ބެޖެޓުގެ އެޖެންޑާކުރި ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މަޖިލިސް ވަނީ ހަލަބޮލިވެފައެވެ. މަޖިލީހުގައި ދުންމާރިފުމެ، އަޑުގަދަކޮށް އިހުތިޖާޖުތައް ގެންދަނީ ކުރަމުންނެވެ.

މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ނަންއިއްވާ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮން ހިއްތެވުމަށް އީވާ ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. އެއަށްފަހު މަޖިލީހުގެ ޖަލްސާކުރާ މާލަން ދޫކުރައްވާ އިލްޔާސް ނިކުވެ ވަޑައިގަތުމަށް ވެސް އީވާ ވަނީ އެދިވަޑައިގެންފައެވެ. އަދި މަޖިލީހުގެ ޖަލްސާ ދެން ކުރިއަށް ގެންދެވޭނީ އިލްޔާސް މާލަމް ދޫކުރައްވާ ނިކުމެ ވަޑައިގަތުމުން ކަމަށް އީވާ ވިދާޅުވިއެވެ.

އޭރުވެސް ޑިމޮކްރެޓްސްގެ މެންބަރުން ގެންދިޔައީ މަޖިލީހުގެ އިދާރީ މޭޒު ކައިރީގައި އިހުތިޖާޖުކުރަމުންނެވެ. ދުންމާރި ފުމުމުގެ އިތުރުން ބަޖެޓު ކޮބައިތޯ ގޮވާ އަޑުގަދަކުރުމުގެ އިތުރުން އެ މެންބަރުން ގެންދިޔައީ "ޗޯރުގެ ވެރިކަން ނިމެން 3 ދުވަސް" ކަމަށްވެސް ގޮވަމުންނެވެ. އިލްޔާސް މާލަން ދޫކޮށް ނިކުމެވަޑައިގެންފައި ނުވާއިރު އަވަސް އަވަހަށް އަމީން އާންމުގެ މޭޒު ކައިރިއަށް ގޮސް ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.

އެއަށްފަހު އިލްޔާސް ފޯނާ ކުޅުއްވަން ހުންނަވަނިކޮށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު ގޮނޑިން ތެދުވެވަޑައިގެން އިލްޔާސްގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންދާ މަންޒަރުފެނެއެވެ. އެ އަށްފަހު ދުރަށް ގެންގޮސް އިލްޔާސް ކޮއްޕާލާ މަންޒަރު ފެނިގެންދާއިރު އޭގެ ފަހުން އިލްޔާސް އީސަގެ އަރިހަށް ވަޑައިގެން ވާހަކަދައްކަވާ މަންޒަރުވެސް ފެނިގެން ދިޔައެވެ.

އެއާއެކު އީވާ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެންބަރުން މާރާމާރީ ކޮށްފައިވާ ކަމަށާއި މެންބަރު އީސަ މެންބަރު އިލްޔާސްގެ ގަޔަށް އަތްލާ މާރާމާރީ ހިންގާތަންވެސް ފެނިވަޑައިގެންނެވި ކަމަށެވެ. އަދި މަޖިލީހުގެ ނިޒާމު އޮތް ކަމަކަށް އެއްވެސް ހާލަތެއްގައި ބެލެވޭކަށް ނެތް ކަމަށް އީވާ ވިދާޅުވިއެވެ.

"މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގައިގެން މި ޖަލްސާ ކުރިއަށް ގެންދަން އިއްޒަތްތެރި މެންބަރުން އުޅުއްވާނެ ކަމެއް ނެތް"
އީވާ

އެއަށްފަހު މަޖިލީހުގެ ޖަލްސާ މެދުކަނޑާލާކަން އިއުލާންކުރައްވާ އީވާ ވިދާޅުވީ ދެން ޖަލްސާ ފަށާނެ ގަޑިއެއް ފަހުން އަންގަވާނެ ކަމަށެވެ.