ތާއީދުކުރައްވަނީ ޑިމޮކްރެޓުންގެ ފަރާތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ކަމަށް ވިދާޅުވެ، ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ނަޝީދު ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އަންނަ މަހު ނަގާ ނިޒާމީ ވޯޓާއި މި މަހުގެ ފަހު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސަށް ތާއީދުކުރުން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން ކުރިމަތިކުރި އެއް ސުވާލަކީ ދެވަނަ ބުރުގައި ނަޝީދު ތާއީދުކުރައްވަނީ ކޮން ކެންޑިޑޭޓަކަށްތޯއެވެ. ޖަވާބުގައި ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވަނީ އިލްޔާސަށް ކަމަށާއި، އެހެން ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާ ކަމަށެވެ.

އަށް ކެންޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101،128 ވޯޓެވެ. ދެވަނަ ހޯއްދެވި މިހާރުގެ ރައީސަށް ލިބިވަޑައިގަތީ 85،989 މީހުންގެ ވޯޓެވެ. އިންތިހާބުގެ ފުރަތަމަ ބުރުން 15،539 ވޯޓު ލިބިވަޑައިގެން ތިންވަނަ ހޯއްދެވި އިލްޔާސްގެ ޑިމޮކްރެޓުންނާ އެކު އިދިކޮޅުން ވެސް ސަރުކާރުން ވެސް ބައްދަލުވުންތައް ބޭއްވިއެވެ.

ނަމަވެސް ޑިމޮކްރެޓުންގެ ޝަރުތުތަކަށް ސަރުކާރުންނާއި އިދިކޮޅުން އެއްބަސްނުވާ ކަމަށް ބުނެ، ޑިމޮކްރެޓުން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ. އެހެން ނަމަވެސް ޑިމޮކްރެޓުންގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މުއިއްޒަށް ތާއީދުކުރާކަން ހާމަކުރިއިރު އެހެނިހެން މެންބަރުންގެ ތާއީދު އޮތީ ރައީސަށެވެ.