ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 އަށް ތިރިކުރުމަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މެންބަރުންގެ އަދަދު 76 އަށް ތިރިކުރުމަށް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މި އިސްލާހު ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ ސެޕްޓެމްބަރު 13 ގައެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރެޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހުންނަށް، ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން، ނުވަތަ އިދާރީ ދާއިރާއެއްގެ އާބާދީ ފަސް ހާހަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ ފަސް ހާސް މީހުންނަށް އިތުރުވާ ކޮންމެ ފަސް ހާސް މީހަކަށް މެންބަރެކެވެ.
އެ މާއްދާގެ އިސްލާހުގެ ގޮތުގައި އިލްޔާސް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިސް 76 މެންބަރުންގެ މައްޗަށް އެކުލަވާލުމަށެވެ. އެއީ:
- އިދާރީ ދާއިރާތަކަށް ހާއްސަކުރެވޭ 55 މެންބަރުން
- ހުރިހާ އިދާރީ ދާއިރާ އެއް ތަމްސީލުވާނެ ގޮތަށް އަށް އަންހެން މެންބަރުން
- ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތައް ތަމްސީލުކުރާނެ ދެ މެންބަރުން
- ސިޔާސީ ޕާޓީތަކަށް ވޯޓުދެވޭ ނިސްބަތަށް ބަލައި ޕާޓީތަކުން އައްޔަނުކުރާ 11 މެންބަރުން
މިއަދު އެ އިސްލާހު ފާސްކުރުމަށް ވޯޓަށް އެހުމުން، އިސްލާހު ފާސްކުރުމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އެކަމަކު އެ އިސްލާހު ފާސްކުރުމާ ދެކޮޅަށް 38 މެންބަރަކު ވޯޓު ދެއްވިއެވެ.
2008 ވަނަ އަހަރު ތަސްދީގުކުރެވުނު ފެހި ގާނޫނުއަސާސީގެ ކުރިން އޮތް 16 ވަނަ މަޖިލީހުގައި ތިއްބެވީ 50 މެންބަރުންނެވެ. ނަމަވެސް ފެހި ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން އެކުލަވާލި އިންތިހާބީ ދާއިރާތަށް އެކުލެވިގެންވާ ގޮތާ ބެހޭ ގާނޫނުގެ ދަށުން، މިހާތަނަށް އޮތް ތިން މަޖިލިހަށް ވެސް މެންބަރުން ވަނީ އިތުރުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މީގެ ކުރިން އިސްލާހެއް ހުށަހެޅުއްވި ނަމަވެސް، މަޖިލީހުން ވަނީ އެ އިސްލާހު ބޭރުކޮށްލައިފައެވެ. އެކަމަކު މަޖިލީހަށް މެންބަރުން އިތުރުވަމުންދާތީ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައި މީގެ ކުރިން ވާހަކަ ދައްކަވާފައިވެއެވެ.
މިހާރު މި ހިނގާ 19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި ތިބޭނީ 93 މެންބަރުންނެވެ.