ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުކުރެވިއްޖެނަމަ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބުގައި މަޖިލީހުގެ 93 ގޮޑިއަށް ވާދަ ކުރަން ދަ ޑިމޮކްރެޓްސްއިން ނިންމާފައިވާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކުރަން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ހަސަން ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގޮޑިއަށް މަދު ކުރުމަށާއި އެ އަދަދަށްވުރެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުކުރުމަށް ދަ ޑިމޮކްރެޓްސްއިން ވަކާލާތު ކުރުމަށް ކަމަށެވެ.
އެ ކަންކަން ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު އެ އިސްލާހު ފާސްނުކުރެވިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބުގައި އެ ޕާޓީގެ ފަރާތުން އިންތިހާބީ ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށް ޕާޓީގެ ކައުންސިލް ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
އިލްޔާސް ހުށަހަޅުއްވާފައިވާ 76 ގޮޑީގެ ތެރޭގައި ހިމެނެނީ އިދާރީ ދާއިރާތަކަށް ކަނޑައެޅޭ 55 ގޮޑި، އަންހެނުންނަށް ހާއްސަ ކުރެވިފަވާ 8 ގޮޑި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް 2 ގޮޑި އަދި ވޯޓު ލިބޭ ނިސްބަތުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅޭ 11 ގޮޑި ކަން ހަސަން ފާހަގަ ކުރެއްވިއެވެ.
ހަސަން އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ 93 ގޮޑިއަށް ވާދަ ކުރުމުގެ މަސައްކަތް ދަ ޑިމޮކްރެޓސްއިން ކުރަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ އިލްޔާސް ހުށަހަޅުއްވާފައި އޮތް އިސްލާހުގައިވާ ގޮތަށް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް އެ އަދަދު ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހަޅުއްވާފައިވާ އިސްލާހް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައިވާކަން ފާހަގަ ކުރައްވާ ހަސަން ވިދާޅުވީ އެއީ ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާއެއް އޮންނަންވާނެ ކަމަށާއި، އެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ޕާޓީގެ ފަރާތުން ކުރަމުން ގެންދިއުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
މިއީ ދެން ކިހާބޮޑު ބަލާވެރިކަމެއް. ރައްޔިތަކަށް ކަމެއްކޮށްދެވެނީކީނޫން މި ބައިގަނޑަކާހުރެ. ބަލަގަ މިހާރުވެސް ރައްޔިތުން ގޮވަމުން އެދަނީ ތިޔަ މަޖްލިހުގެ ދާއިރާތައް މަދުކޮށް ސައިޒު ކުޑަކުރާށޭ. ގޮވާއިރުވެސް ސިޔާސީ ބޭނުމަށް އެ ބައިގަނޑު އެބަ އިތުރުކުރޭ.