ދެވަނަ ބުރުގައި ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވޯޓު ލެވޭ ގަޑިއަށް ބަދަލު ގެނެސް އެއް ގަޑިއިރު އިތުރުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން ކުރިއަށް ދިޔައި ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖަހަންދެނެވެ. ނަމަވެސް ކިޔޫ ދިގުވެ، ބައެއް މަރުކަޒުތަކުގައި ވޯޓުލުން ކުރިއަށް ދިޔައެވެ. އަދި 4 ޖެހުމާ އެކު ކިޔޫ ބަންދުކުރުމުގެ ސަބަބުން ބައެއް މީހުންނަށް ވޯޓު ނުލެވި ދިޔައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކާ އަޅާ ބަލާއިރު، މި ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުތް މީހުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން ލަފާ ދޭ ކޮމިޓީ އާ އެކު މަޝްވަރާކުރުމަށް ފަހު ކޮމިޝަނުން އެއް ގަޑިއިރަށް ވަގުތު އިތުރުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، ހަވީރު 5 ގެ ފަހުން ވަގުތު ވޯޓުލެވޭ ވަގުތު އިތުރުނުކުރާނެ ކަމަށެވެ.

ވޯޓުލުމުގެ ވަގުތުގެ އިތުރުން، ދެން ޝަކުވާ ބޮޑު އެއް މައްސަލައަކަށްވީ ވޯޓުގެ ސިއްރުކަން ގެއްލުނު މައްސަލައެވެ. ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ނިންމީ މި އިންތިހާބުގައި ވޯޓު ލާ ބޫތު ފާހަގަ ޖަހާ މީހާގެ ފަހަތުން ފެންނަ ގޮތަށް ހެދުމަށެވެ. ނަމަވެސް ބައެއް މީހުން ވޯޓުލަމުން ދަނިކޮށް، ވޯޓު ދޭ ކެންޑިޑޭޓަކީ ކާކުކަން އެނގޭނެހެން މަންޒަރު ނަގާފައިވާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

މި ކަންކަމަށް ބެލުމަށް ފަހު ވޯޓުލާ މީހުންގެ ބޫތުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. ނަމަވެސް އެއީ ސީދާ ކޮން ބަދަލުތަކެއް ކަން އޭނާ ވިދާޅެއްނުވެއެވެ.

މީގެ އިތުރުން، ވޯޓު ގުނި ވަގުތު ވޯޓުލާ ބައެއް މަރުކަޒުތަކުގައި ތިބި ބައެއް އޮފިޝަލުން ކަން ކުރި ގޮތް ތަފާތުކަން ފާހަގަކުރައްވައި، ހަބީބު ވިދާޅުވީ ވޯޓު ގުނުން ސައްހަކަމާ އެކު ކުރިއަށް ގެންގޮސް، ވޯޓުލާ މަރުކަޒުތަކުގައި ކަންކަން އެއް ގޮތަކަށް ކުރިއަށް ގެންދިއުމުގެ އިރުޝާދު ދީ، އޮފިޝަލުންނަށް ކޮމިޝަނުން އިތުރު ތަމްރީނު ދޭނެ ކަމަށެވެ.

މީގެ އިތުރުން މިއަދުގެ ޕްރެސްގައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ ވެސް އިއުލާނުކޮށްފައެވެ. އެހެންނަމަވެސް ބައެއް ކެންޑިޑޭޓުންނަށް ދެ ތިން ވޯޓު އިތުރުވުން ނުވަތަ މަދުވުން ފިޔަވައި ނަތީޖާ އަށް އަސަރުކުރާނެ އެއްވެސް ބަދަލެއް ނާދެއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު އިއުލާނުކުރެއްވި ހިސާބުތަކުގައިވާ ގޮތުން:

  1. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު (އަމިއްލަ): 6،343 (2.87 ޕަސެންޓު)
  2. ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން ޒަމީލް (އަމިއްލަ): 327 (0.15 ޕަސެންޓު)
  3. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ): 86،161 (39.05 ޕަސެންޓު)
  4. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ): 101،635 (46.06 ޕަސެންޓު)
  5. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް (ޖުމްހޫރީ ޕާޓީ): 5،460 (2.47 ޕަސެންޓު)
  6. އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން (އަމިއްލަ): 2،979 (1.35 ޕަސެންޓު)
  7. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް): 15،839 (7.18 ޕަސެންޓު)
  8. އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ): 1،907 (0.86 ޕަސެންޓު)

އެހެންކަމުން، އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން މި މަހުގެ 30 ގައި އޮންނަ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސާއި މުއިއްޒެވެ.