ދިވެހި ރައްޔިތުންނަށް ދެން އޮތް 2 ގޮތަކީ އިންޑިއާގެ އަޅުވެތިކަން ނުވަތަ ދައުލަތް އިތުރަށް 'ދަވާލުން' ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަދި އެމްއެންޕީގެ ނައިބު ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލީ މެޖޯރިޓީ 100،959 ރައްޔިތުން (ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ވޯޓު ދިން ރައްޔިތުން) ބުނީ އެމްއެމްޕީއާރުސީ ވައްކަން "އޯކޭ" ކަމާއި، މަޖިލީހުގެ ފާރުމަތިން މެންބަރުން އެއްލާލުމާއި، ސްޕްރީމް ކޯޓުގެ ފުރާޅުނަގައިގެން ފަނޑިޔާރުން ޖަލައްލުން އަދި ރިޝްވަތު ބަހައިގެން ގާނޫނު އަސާސީ ބަދަލު ކުރުންވެސް އޯކޭ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި ހިނގާފައި ހުރި ކަންކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ވޯޓު ދިން 85،809 ރައްޔިތުން ވޯޓް ދިނީ އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ތިބުމާއި ރައީސް ސޯލިހް ސަރުކާރުގެ ކޮރަޕްޝަން "އޯކޭ" ވުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އެއާއެކު ޝަރީފް ވިދާޅުވީ ދެން ދިވެހިންނަށް އޮތީ "2 ޗޮއިސް" ކަމަށެވެ. އެއީ އިންޑިއާގެ އަޅުވެތިކަމާއި ދަރަނި ދަންތުރަ އަދި ދިވެހި ހުރިހާ ސިޔާސީ މީހުންނަށް އޮތް ބިރުވެރިކަމާއި ކޮރަޕްޝަނާއި ފަސާދައާއި ދިވެހި ވިޔަފާރިވެރިންނަށް އޮތް ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ދުނިޔެއާ އެކަހެރިވެ ޒާތީ ހަމަނުޖެހުމުގެ އިތުރުން ދައުލަތް އިތުރަށް ދަވާލުން ކަމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމްއަށް ލިބިވަޑައިގެންފައި ވަނީ 1،896 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 0.86 ޕަސެންޓެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު އަދި 1 ވޯޓު ނުލިބުމުން ރިޔާސީ އިންތިހާބު 2 ވަނަ ބުރަކަށް ގޮސްފައި ވާއިރު 2 ވަނަ ބުރުގައި ވާދަ ކުރައްވާނީ ޑރ. މުއިއްޒު އާއި ރައީސް ސޯލިހްއެވެ.