ސިޔާސީ ޕާޓީއެއް ހަދައިގެން، ތިން މަސް ދުވަހުގެ ތެރޭގައި ކުރި ކެމްޕެއިނުން ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ބަލިކުރެވިއްޖެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ހުސެއިން އަމްރު މިއަދު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ، ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ބޭއްވި "ހަވީރު ސައި" އިވެންޓުގައި ވާހަކަދައްކަމުންނެވެ.

އަމްރު ވިދާޅުވީ، ކެމްޕެއިން ޓީމުތަކުގެ މެދުގައި އޮތް ބަދަހިކަމުގެ ސަބަބުން ރަށްރަށުގައި އެ ޕާޓީގެ ކެމްޕެއިން ދިޔައީ ވަރަށް ވަރުގަދަކޮށް ކަމަށާއި ރިޔާސީ އިންތިހާބުން ފެނުނީ އެ ކެމްޕެއިން ވަރުގަދަ ކަމުގެ ނަތީޖާ ކަމަށެވެ.

ސިޔާސީ ޕާޓިއެއް ހަދައިގެން ނުކުމެ، ތިން މަސް ތެރޭގައި ކުރި ކެމްޕެއިނަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އޮތީ މުޅި ދައުލަތެއް ބަލިކޮށްފައި. އެހެންކަމުން ތިބޭފުޅުންނަށް އަޅުގަނޑުމެންގެ ހިފަހެއްޓުމެއް ނެތް ޝުކުރު ދަންނަވަން
އަމްރު

މި އިވެންޓުގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓްސް އިން ދެން ކަންކުރާނެ ގޮތާމެދު ގިނަ ބަޔަކު މި ކެމްޕޭނު ތެރޭގައި ސުވާލުކޮށްފައިވާ ކަމަށެވެ. ރައްޔިތުން ދެރަވާނެ ގޮތަކަށް އަދި ރާއްޖެ އަށާއި ޕާޓީ އަށް ދެރަވާނެ ފަދަ ނިންމުމެއް ނުނިންމާނެ ކަމަށާއި ނިންމުން ނިންމާނީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ބެލުމަށްފަހު ރައްޔިތުންގެ ވިސްނުމާއެކު ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ނިންމުން ނިންމާނީ ތިބޭފުޅުންނާއެކީ، ތިބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް، މި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް، ތިބޭފުޅުންގެ ވިސްނުމާއެކީ އަޅުގަނޑުމެން ނިންމުންތައް ނިންމާނީ
އިލްޔާސް

އިލްޔާސް އިތުރަށް ވިދާޅުވީ، ތެޅިފޮޅިގަނެގެން، ވަގުތުން ވަގުތަށް ނިންމާ، ނިކުމެ އުޅެގެން މިކަން ނުވާނެ ކަމަށާއި ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއެކު ނިންމުންތައް ނިންމަން ޖެހޭ ކަމަށެވެ.

މިރާއްޖެއަށާއި މިގައުމަށާއި މިޕާޓީއަށް އަދި އަޅުގަނޑުމެންގެ އުސޫލުތަކާއި އަޅުގަނޑުމެންގެ ޕްރިންސިޕަލްތައް ވެލިއުސްތައް ހިފެހެއްޓެ ގޮތުގެ މަތިން ނިންމަން އަޅުގަނޑުމެން ޖެހޭނީ
އިލްޔާސް

ގޮތެއް ނިންމުމުގެ ކުރިން ޕާޓީގެ އެކި ގުނަންތަކާއެކު މަޝްވަރާ ކުރާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

އިއްޔެ ނެގި ވޯޓްގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އިލްޔާސްއަށް ލިބުނީ 15،789 ވޯޓެވެ. އެއީ 7.16 ޕަސެންޓެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މުއިއްޒަށް ތާއީދު ކުރައްވާނެ ކަމުގެ ނުސީދާ އިޝާރާތެއް ކުރައްވާފައި ވަނިކޮށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، "ހަރުކަށި ފިކުރަށް ޖާގަދީ، އެ ގޮތްތައް މިދިޔަ ފަސް އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒުކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި" ކަމަށެވެ.

ނަޝީދު މިފަދައިން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވިއިރު، އެމްޑީޕީން ބުނަމުން ގެންދަނީ މުއިއްޒު އިންތިހާބު ވެއްޖެ ނަމަ ރާއްޖޭގައި ހަރުކަށި ފިކުރަށް ޖާގަ ދިނުމުގެ ބިރުވެރިކަން އެބައޮތް ކަމަށެވެ.