އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ބޭއްވި ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއިދުކޮށް ވޯޓު ދިން ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް މި އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ފާރިސް އަށް ލިބިވަޑައިގެންނެވީ 2993 ވޯޓެވެ. އެއީ 1.36 ޕަސެންޓެވެ.

އިއްޔެ ނިމުނު ރިޔާސީ އިންތިހާބުގައި ބެހެއްޓި ހުރިހާ ފޮއްޓެއްގެ ވޯޓު ގުނާ ވަގުތީ ނަތީޖާ މިހާރު އިއުލާން ކޮށްފައި ވާއިރު އިންތިހާބުގައި 101،180 ވޯޓާއެކު ކުރި ހޯއްދަވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެއީ ވޯޓުލީ މީހުންގެ 46.02 ޕަސެންޓެވެ.

އިންތިހާބުގެ ދެވަނަ ލިބިވަޑައިގަތީ 85،935 ވޯޓާއެކު ރައީސް ސޯލިހުއަށެވެ. ޕަސެންޓުން ބަލާނަމަ އެއީ 39.09 ޕަސެންޓެވެ. އެއްވެސް ބޭފުޅަކަށް 50 ޕަސެންޓު ލިބިވަޑައިގެންފައި ނުވުމާއެކު އިންތިހާބުގެ ދެވަނަ ބުރަކަށް ވަނީ ދާން ޖެހިފައެވެ.

އެގޮތުން އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިހާބުގެ ކުރި ހޯއްދެވި ދެ ކެންޑިޑޭޓުންވެސް ބުނަމުންދަނީ ދެވަނަ ބުރަކަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ. އެގޮތުން ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުން ގާތަށް ގޮސް، ކެމްޕެއިންކޮށްފި ނަމަ ކާމިޔާބީ ހޮއްދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އަދި ރައީސް ސޯލިހު ވިދާޅުވީ އިތުރު ބަޔަކާއެކު ކޯލިޝަން ހައްދަވާނެ ކަމަށާއި ކުރިން ވިސްނިވަޑައިގެންފައި ނުވާ ކަންތައްތަކެއް އިންތިހާބުގައި ހިނގައި ގޮސްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައި ވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ. ނަމަވެސް މިދިޔަ އިންތިހާބަށް ވުރެ މި އިންތިހާބުގައި ވޯޓުލީ މީހުން ނިސްބަތުން މިފަހަރު މަދު ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަ ކޮށްފައެވެ.