ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް ޕީއެންސީ އާއި އެމްޑީޕީއާއެކު މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ސަރުކާރެއްގައިި އެއްވެސް މަގާމެއް ބޭނުންވެވަޑައިނުގަންނަވާ ކަމަށް އަމިއްލަ ގޮތުން ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ކެންޑިޑޭޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރު ވަމުން އަންނަ އިރު ދެވަނަ ބުރަށް ހޮވިވަޑައިގެންފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފާރިސް ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ. އެ މަޝްވަރާތައް ކުރިއަށް ގޮސްފައިވާ ގޮތުގެ ތަފްސީލް މިރޭ ހާމަ ކުރައްވަމުން ވިދާޅުވެފައި ވަނީ، ދެ ޕާޓީއަށް ވެސް ހުށަހަޅާފައި ވަނީ ފާރިސްގެ މެނިފެސްޓޯގެ ކަންކަން ކަމަށާއި އެ ކަންކަން ވައުދުތަކަކަށް ހަދާ ފަރާތަކާ އެކުގައި ކޯލިޝަން ހައްދަވާނެ ކަމަށެވެ.

ވެރިކަމުގެ ނިޒާމ ގުޅިގެން ފާރިސް ވިދާޅުވީ، ވެރިކަން ކުރިއަށް ދާން ޖެހޭނީ ރިޔާސީ ނިޒާމެއްގެ ގޮތުގައި ކަމަށާއި ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. ފުރަތަމަ ބުރުގެ ކެމްޕެއިން ހަރަކާތްތަކަށް އަލިއަޅުއްވާ ލައްވަމުން ފާރިސް ވިދާޅުވީ، އޭރު ކެންޑިޑޭޓުން ހުށަހަޅަމުން އައީ ކޮށްދެއްވާނެ ކަންކަން ކަމަށާއި ގިނަ ވައުދުތަކެއް ވެވަޑައިގެންފި ކަމަށެވެ. ނަމަވެސް ދެވަނަ ބުރަށް ކެމްޕެއިން ކުރާ އިރު، އެންޓި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ދާތަން ފެނިވަޑައިގަންނަވާ ކަމަށާއި އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ފާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެ ޕާޓީއާ އެކުގައި ވެސް މަޝްވަރާ ކޮށްފައި ވަނީ އެއް ކަންތައްތަކަކާ ގުޅިގެން ކަމަށެވެ. އެ ގޮތުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހިމެނި ކަމަށާއި އެއްވެސް ގައުމަކަށް ބަރޯސާ ނުވުމަކީ އެންމެ ބޮޑު އެއް ހުށަހެޅުން ކަމަށް ފާރިސްގެ ޓީމުން ބުނެއެވެ.

ދައުލަތް ނުވަތަ ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، ފަޅާއި ބިން ވިއްކުން ކޮމްޕްރޮމައިޒް ނުކުރެވޭނެ ކަމަށާއި، ޖީއެސްޓީ ދަށް ކުރުމާއި ރައްޔިތުން ގެ މަޖިލިސް އިސްލާހުކޮށް އޮނިގަނޑަށް ބަދަލުތަކެއް ގެނެސް މެންބަރުން މަދުކޮށް މުސާރަ ކުޑަކުރުމާއި، އެސްއޯއީ ގެ ދަރަނިތައް ކުޑަ ކުރުމާއި ކަމެއް ނުކުރާ ކުންފުނިތައް އުވާލުމާއި، އެއް މަސައްކަތެއް ކުރާ ކުންފުނިތައް މާޖް ކުރުމަކީ ވެސް ހުށަހަޅާފައިވާ ހުށަހެޅުންތަކެވެ. އަދި ގައުމުގެ އިގްތިސޯދު ކޮޅަށް ޖެހުމާއި ދަރަނިން އަރައިގަތުމަށް ކުރެވޭނެ ކަންކަމާއި ކޮރަޕްޝަން ކުޑަކުރުމަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އެ ޓީމުން ބުނެއެވެ.

މީގެ އިތުރުން އެމްޑީޕީއާ އެކު ކޮށްފައިވާ މަޝްވަރާތަކާ ގުޅިގެން ފާރިސް ވަނީ ތަފްސީލް ދެއްވާފައެވެ. އެގޮތުން ބިދޭސީ ސިފައިން ހަރަކާތްތެރިވާތީ ރައްޔިތުންގެ ކަންބޮޑުވުމާ ގުޅިގެން ދެ ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. ނަމަވެސް އެ ސިޓީތަކަށް އެދެވޭ ޖަވާބެއް ދީފައި ނުވާ ކަމަށް ފާރިސް ފާހަގަ ކުރެއްވިއެވެ. ފުރަތަމަ ބުރުގައި ކުރިއަށް ދިޔަ އިރު، މި މައުލޫމާތު ސާފުވެފައި ނުވާތީ އެމްޑީޕީއާއެކު ކޯލިޝަން ނުހެދީ ކަމަށް ފާރިސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިކަމާ ގުޅިގެން އެމްޑީޕީއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދިވެސް އެ ދެ ޕާޓީއާއެކު މަޝްވަރާ ކުރުން ކުރިއަށް ގެންދާ ކަމަށާއި އެ ދެފަރާތުގެ މެނިފެސްޓޯގައި ފާރިސް އެދިވަޑައިގަންނަވާ ގިނަ ކަންކަން ހިމަނާފައި ނުވާ ކަމަށް ފާރިސް ވިދާޅުވިއެވެ. ހަމައެކަނި އެކަމާ މެދު އެބަ ވިސްނަމޭ ބުނުމަކުން ނުފުދޭނެ ކަމަށާއި މީހުންގެ އިތުބާރު ގެއްލޭ ގޮތަކަށް އެއްވެސް ބަޔަކަށް ތާއީދު ނުކުރައްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި އެއްވެސް ބަޔަކަށް ތާއީދު ނުކުރާނެ ހާލަތެއް ވެސް އައިސްދާނެ ކަަމަށް ފާރިސް ވިދާޅުވިއެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހު ކޯލިޝަން ހެދުމާ މެދު ނިންމާ ނިންމުން ހާމަކުރައްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.