ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫންގެ އަރިސް ޓީމެއް ސަރުކާރު ހިންގާ އެމްޑީޕީއާ ބައްދަލު ކޮށްފިއެވެ.
ފާރިސް ހިއްސާ ކުރެއްވި އެކްސްގެ ޕޯސްޓެއްގައި ވިދާޅުވީ އައިމިނަތު ނާދިރާ އިސްކޮށް ހުންނަވާ. އޭނާގެ ޓީމެއް ރޭގެ ވަގުތެއްގައި އެމްޑީޕީއާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ގައުމީ ސަލާމަތާއި އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ އިސްލާހުތަކާ ގުޅޭ ގޮތުން ފާރިސް ގެންގުޅުއްވާ ސިޔާސަތުތައް ހިއްސާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ މި މުޖްތަމައުގެ މިނިވަންކަން ކަށަވަރުކޮށް، ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި، އަދުލުއިންސާފާއި ހަމަހަމަކަން އިތުރު ކުރުމަށާއި، ގައުމީ ސަލާމަތާއި އެއްބައިވަންތަކަން ގާއިމު ކުރުމަށް މުހިންމު ސިޔާސަތުތަކެއް ކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފައެވެ.
އެމްޑިީޕީން ބައްދަލު ކުރި ޓީމުގައި އިސްކޮށް ހުންނެވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އެމްއާރުއެމްގެ ޓީމުގައި މި ސަރުކާރުގެ ވަޒީރުކަން ކުރައްވާފައިވާ ޒަހާ ވަހީދާއި އާމިނަތު އާތިފާ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ކޯލިޝަން ހެއްދެވުމާ ގުޅޭ ގޮތުން ވަކި ނިންމުމެއް މިހާތަނަށް ފާރިސް ހާމަކުރައްވާފައި ނުވާއިރު އިއްޔެގެ ވަގުތެއްގައި ފާރިސްގެ ޓީމެއް ވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ އާ އެކު ވެސް މަޝްވަރާތައް ކޮށްފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން ފާރިސަށް ލިބިވަޑައިގަތީ 3،004 ވޯޓެވެ. އެއީ އިންތިހާބުގައި ވޯޓު ދިން 224،315 މީހުންގެ 1.4 ޕަސެންޓެވެ.
ދެވަނަ ބުރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެންމެ މަތިން ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންވެސް ކޯލިޝަން ހެދުމަށް ގިނަ މަޝްވަރާތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި ޕީޕިއެމް އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އދ. ދަނގެތީ މެންބަރު، މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އުފެއްދެވި އެމްއެންޕީއާއެކު ކޯލިޝަން ހަދާފައެވެ. ސަރުކާރު ހިންގާ މައި ޕާޓީން އިތުރު ބަޔަކާއެކު ކޯލިޝަން މިހާތަނަށް ހަދާފައި ނުވާއިރު ފުރަތަމަ ބުރުގައި އެ ޕާޓީން ކޯލިޝަން ހަދާފައި ވަނީ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ އާއެވެ.
އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު ކޯލިޝަން ހެދުމަކީ ދެ ޕާޓީއަށްވެސް ނުހަނު މުހިންމު ކަމަށް މިވަނީ ވެފައެވެ.