ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާ އަށް އަހްމަދު ފާރިސް މައުމޫން، ދެވަނަ ފަހަރަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާ އަށް ވެސް ކުރިމަތިލެއްވި ފާރިސް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ ގައުމު އިސްލާހުކުރުމުގެ މަސައްކަތުގައި މަޖިލީހުގެ މުހިންމުކަން ބޮޑުކަމުން ކަމަށެވެ.

މީގެ ކުރިން 18 ވަނަ މަޖިލީހުގައި ދިއްގަރު ދާއިރާ ވެސް ތަމްސީލުކުރެއްވި ފާރިސް ވަނީ މަޖިލީހުގެ އިންތިހާބުގައި ތާއީދަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން ބޭއްވި މަޖިލީހުުގެ އިންތިހާބުގައި މައްޗަންގޯޅި އުތުރު ދާއިރާ އަށް ވާދަކުރެއްވި ފާރިސަށް އެފަހަރު ލިބިވަޑައިގަތީ 607 ވޯޓެވެ. 847 ވޯޓު ހޯއްދަވައި މި ހިނގާ 19 ވަނަ މަޖިލީހަށް އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގަތީ މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރުކަން ކުރެއްވި މުހައްމަދު ރަޝީދެވެ.

މަޖިލީހުގެ އިންތިހާބުގެ އިތުރުން، ދާދިފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ފާރިސް ވަނީ ވާދަކުރައްވައިފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ފާރިސަށް ލިބިވަޑައިގަތީ 3،004 ވޯޓެވެ. އެއީ އިންތިހާބުގައި ވޯޓުލީ 224،315 މީހުންގެ 1.4 ޕަސެންޓެވެ.