މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އަމިއްލަ ގޮތުން ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫން ނިންމަވައިފިއެވެ.

ފާރިސް ވިދާޅުވީ ގައުމަށް ގެންނަން ޖެހޭ އިސްލާހުތަކަކީ މުޅި ސިސްޓަމަށް ގެންނަން ޖެހޭ އިސްލާހުތަކަކަށް ވުމާއެކު ބޮޑު ސިޔާސީ ޕާޓީއަކުން ނުކުމެފައިވާ ކެންޑިޑޭޓަކު ރައީސްއަކަށް އިންތިހާބުވި ނަމަވެސް އެ އިސްލާހީ ބަދަލުތައް ގެންނަން ދަތިވާނެ ކަމަށެވެ.

ޕާޓީތަށް ފަންޑު ކުރަމުންދާ ގޮތާއި ޕާޓީތައް ހިނގަމުންދާ ގޮތަށް ބަލާއިރު މުޅި އާންމު ރައްޔިތުންގެ މަސްލަހަތަށްވުރެ އެހެން ބައެއްގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި އެކަން އެހެން އޮތުމުން ފާރިސް ހެއްދެވި ފަދަ މެނިފެސްޓޯއެއް އެފަދަ ޕާޓީއެއްގެ ތެރެއިން އައުމަކީ ނާދިރު ކަމެއް ކަމަށާއި އިސްލާހީ ބަދަލުތައް ވަކި ބޮޑު ޕާޓީއެއްގެ ވެރިކަމެއްގައި ގެންނަން ދަތިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފާރިސް އިތުރަށް ވިދާޅުވީ ފުރަތަމަ ބުރުގައި ވަކި ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިފައި ނުވާތީ އެކަން މާނަ ކުރެވެނީ މުޅިން ފުރިހަމަ މެނިފެސްޓޯއެއް އެއްވެސް ކެންޑިޑޭޓަކަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން ފާރިސަށް ލިބިވަޑައިގަތީ 3،004 ވޯޓެވެ. އެއީ އިންތިހާބުގައި ވޯޓު ދިން 224،315 މީހުންގެ 1.4 ޕަސެންޓެވެ.