އަވަށްޓެރި ގައުމުތަކުގެ އިސްވެރިންނާއި މުހާތަބުކޮށް ބޭއަދަބީ ބަހުން ވާހަކަދައްކާ ސަރުކާރުގެ އިސް ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އަހުމަދު ފާރިސް މައުމޫނު ގޮވާލައްވައިފިއެވެ.

ފާރިސް މިހެން ވިދާޅުވެފައިވަނީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓްގެ ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ޝިއުނާ، އިންޑިއާ އާއި އެ ގައުމުގެ ވެރިންނަށް 'ބޭއަދަބީ' ބަހުން މުހާތަބު ކުރައްވައި ޓްވީޓް ކުރެއްވުމާ ގުޅިގެން އެކަމަށް އިޝާރަތް ކުރައްވަމުންނެވެ. އެ ގޮތުން ފާރިސް ވިދާޅުވީ އަވަށްޓެރި ގައުމުތަކާ، އެ ގައުމުތަކުގެ އިސްވެރިންނާ ބޭއަދަބީ ބަހުން މުހާތަބުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަކާމެދު ފިޔަވަޅު ނާޅާކަމުގައި ވަނީ ނަމަ ރާއްޖެ އާއި ސަރުކާރަށްވެސް އެ ފަދަ ބޭއަދަބީ ބަސްތައް ރައްދުވެގެން ދާނެކަމަށް ފާރިސް ވިދާޅުވިއެވެ.

'އެކްސް' ގައި ފާރިސް ކުރެއްވި ޕޯސްޓަށް ތާއިދުކޮށް ގިނަ ބަޔަކު ވާހަކަދައްކާފައި ވާއިރު، ބައެއް ފަރާތްތަކުން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕްރޮމޯޓްކުރީ 'އިންކްރިޑިބަލް އިންޑިއާ' ކަމަށާ އޭގައި ރާއްޖެ އާއި ބެހޭ ގޮތުން އެއްވެސް ވާހަކައަށް ދައްކާ ރާއްޖެ ބޮއިކޮޓްކުރުމަށް ގޮވާލާފައި ނުވާނެ ކަމަށެވެ.

މީގެއިތުރުން ފާރިސްގެ ޕޯސްޓަށް ކޮމެންޓުކުރި އިންޑިއާއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ މިއީ ސަރުކާރާއި ރައީސް ޑރ. މުއިއްޒުއަށްވެސް އެނގިގެން ހިނގަމުން އަންނަކަމެއްކަމުގައި ތުހުމަތުކޮށްފައެވެ. އަދި ސަރުކާރުގެ ބައިވެރިވުމެއް ނެތި ޑެޕިއުޓީ މިނިސްޓަރަކަށް މިފަދަ ވާހަކައެއް ނުދެއްކޭނެ ކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ވަނީ ޝިއުނާ އާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅި ނަމަވެސް މިއީ ރާއްޖެއަށް ދަތުރުކުރުމުގައި، އިންޑިއާއިން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްކަމުގައެވެ.