ދެވަނަ ބުރުގައި 'ދަ ޑިމޮކްރެޓްސް' އިން ތާއީދު ކުރާނީ ކޮން ބަޔަކަށް ކަން ނިންމާނީ ސަޕޯޓަރުންނާއި ޕާޓީގެ ކައުންސިލާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް، އެ ޕާޓީގެ ކެންޑިޑޭޓު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ބޭފުޅުންގެ ތެރެއިން ތިންވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ އިލްޔާސަށެވެ. ދެވަނަ ބުރަކަށް ވަޑައިގެންނެވީ ފުރަތަމަ ބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ދެވަނަ ހޯއްދެވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލްޔާސް ވިދާޅުވީ، ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން މީހުންނާ ބައްދަލުވުމުން، ތިންވަނަ ލިބިވަޑައިގެންފި ނަމަ ހައްދަވާނެ ގޮތަކާ މެދު އޭނާ އާ ބައްދަލުވާ މީހުން ސުވާލުކުރާ ކަމަށެވެ. އޭނާ އެ ސުވާލު އަނބުރާލެއްވީ އެފަދައިން ސުވާލުކުރާ މީހުންނަށެވެ.
އޭނާ ވިދާޅުވީ، ޑިމޮކްރެޓުން އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނީ ކޮން ޕާޓީއަކަށް ކަން ނިންމާނީ އެ ޕާޓީގެ ކައުންސިލާއި ސަޕޯޓަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށާއި، ޕާޓީގެ އެތެރެއިން މަޝްވަރާކޮށް ވަރަށް އަވަހަށް އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް އަދި އެއްވެސް ޕާޓީއަކާ އެކުގައި އަދި މަޝްވަރާ ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލްޔާސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މުއިއްޒަށް ތާއީދު ކުރައްވާނެ ކަމުގެ ނުސީދާ އިޝާރާތެއް ކުރައްވާފައި ވަނިކޮށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، "ހަރުކަށި ފިކުރަށް ޖާގަދީ، އެ ގޮތްތައް މިދިޔަ ފަސް އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒުކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި" ކަމަށެވެ. ނަޝީދު މިފަދައިން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވިއިރު، އެމްޑީޕީން ބުނަމުން ގެންދަނީ މުއިއްޒު އިންތިހާބު ވެއްޖެ ނަމަ ރާއްޖޭގައި ހަރުކަށި ފިކުރަށް ޖާގަ ދިނުމުގެ ބިރުވެރިކަން އެބައޮތް ކަމަށެވެ.
ޜާއްޖެ އަނިޔާވެރިކަމައް ދާން ބޭނުން ނުވަންޓާ އިބޫއާ ގުޅޭ ދަރިޔާ ދެންވެސް
ރަނގަޅު ގޮތަކީ އެމްޑީޕީ އާ އަލުން ގުޅި ކާމިޔާބުކުރުން ޒަމީރުވެސް ގަބޫލު ނުކުރޭ ވަކިވެގެން ގޮސް އެއްކޮށް ވަކިވުން