އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ގަބޫލުކޮށް، ފުރަތަމަ ބުރުން ދެވަނަ ބުރަކަށް ވަޑައިގެން ދެ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މަރުހަބާ ކިޔައިފިއެވެ.

ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް 101،180 (46.02 ޕަސެންޓު) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 85،935 (39.09 ޕަސެންޓު) ވޯޓެވެ.

އެމްއެންޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އިންތިހާބުގެ ނަތީޖާ ގަބޫލުކުރާ ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށެވެ. އަދި ދެވަނަ ބުރުގައި އެ ޕާޓީން ނިންމާ ގޮތް ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް އެމްއެންޕީން ބުނެއެވެ.

ރިޔާސީ އިންތިހާބުގައި އެންއެމްޕީން ވާދަކުރެއްވީ އެ ޕާޓީގެ ލީޑަރު ކާނަމް މުހައްމަދު ނާޒިމްއެވެ. މި އިންތިހާބުގައި ނާޒިމްއަށް ލިބިވަޑައިގެންފައި ވަނީ 1860 ވޯޓެވެ. އެއީ 0.85 ޕަސެންޓް ވޯޓެވެ.

އެމްއެންޕީން ވަނީ މި އިންތިހާބުގައި އެމްއެންޕީއަށް މަސައްކަތް ކޮށްދިން، ވޮލަންޓިއަރުންނާއި، މުވައްޒަފުންގެ އިތުރުން އިންތިހާބުގައި ނާޒިމްއަށް ވޯޓު ދިން ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. އެ ޕާޓީއަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް އުފައްދާފައިވާ ގައުމީ ފިކުރުގެ ޕާޓީއެއް ކަމުން އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޕީން ބުނެއެވެ.