ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލާފައި ވަނީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 78 ޕަސެންޓު މީހުން ކަމަށް، ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ ދެ އަހަރަށް ވުރެ މީހުން އެންމެ މަދުން އިންތިހާބުގައި ވޯޓުލީ ފުރަތަމަ ފަހަރެވެ.

މި އިންތިހާބުގައި ވޯޓުލީ 282،395 މީހުންގެ ތެރެއިން ގާތްގަނޑަކަށް 78 ޕަސެންޓު މީހުން ނަމަ، ވޯޓުލާފައި ވަނީ 220،268 މީހުންނެވެ.

މިދިޔަ ދެ އިންތިހާބުގެ ތަފާސްހިސާބުތަކަށް ކުޑަކޮށް ބަލާލާއިރު:

  • 2013 ގެ ރިޔާސީ އިންތިހާބު: ވޯޓުލުމުގެ ހައްގު ލިބިފައިވާ 239،105 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 208،504 މީހުން (87.2 ޕަސެންޓު)
  • 2018 ގެ ރިޔާސީ އިންތިހާބު: ވޯޓުލުމުގެ ހައްގު ލިބިފައިވާ 262،135 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 233،889 މީހުން (89.2) ޕަސެންޓު

މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓުލީ 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ކަމަށް ވީ ނަމަވެސް، އޭގެ ފަހުން ބޭއްވި އިންތިހާބުތަކުގައި ވޯޓުލީ މީހުންގެ ނިސްބަތް ވަނީ ދަށްވެފައެވެ. އެގޮތުން 2019 ވަނަ އަހަރު ބޭއްވި މަޖިލީހުގައި ވޯޓުލެވޭ މީހުންގެ 81.3 ޕަސެންޓު މީހުން ވޯޓުލި އިރު، 2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލީ ވޯޓު ލެވޭ މީހުންގެ 69 ޕަސެންޓު މީހުންނެވެ.