ރިޔާސީ އިންތިހާބު ފަށަން ކުޑަތަންވެފައި ވާއިރު، މި ދެ ދުވަހު އެންމެ އަޑުގަދަކޮށް އިވެނީ އިސްލާމް ދީނާއި އިންތިހާބާ ގުޅުވައިގެން ދައްކާ ވާހަކަ ކަމަށާއި ކޮންމެ އިންތިހާބަކާ ދިމާކޮށް ކުޅޭ ދީނީ ކާޑު ބާވެއްޖެ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި ވަނީ، ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި ވައުޒު ވިދާޅުވުމުގެ ހުއްދަ ދޫކޮށްފައިވާ 100 އިލްމުވެރިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަން ހާމަ ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިރުންނަށް ވާނުވާ އިނގި، ފެނި އަދި އަޑުއިވޭ ކަމަށާއި، މިއަދު ދީނީ ތާކިހާ އަޅުއްވައިގެން ކުރައްވާ ސިޔާސީ މަސައްކަތް ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. މި ގައުމުގެ ވެރިކަމުގައި ކޮންމެ ވެރިޔަކު ހުއްޓަސް މި ގައުމުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނޯއްނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫނީ ނެތިގެން ވާކަމެއް ނޫން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ފުރަތަމަ ދައުރު ނިންމައި، ދެވަނަ ދައުރެއް ފަށަން ތައްޔާރުވާ އިރު ގައުމު އޮތް ހާލަތު ސިފަ ކުރައްވަމުން މަހްލޫފް ވިދާޅުވީ، އިސްލާމްދީން މި ގައުމުގައި އޮތީ ގަދަކޮށް ކަމަށާއި ރައްޔިތުން ތިބީ ސައްހަ އަގީދާގެ މަތީގައި ކަމަށެވެ. މިއަށް ވުރެ ވަކި މިނިވަންކަމާއެކު ދީނީ އިލްމުވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިން އެހެން ސަރުކާރެއް ހަމަގައިމު ވެސް ދެކިވަޑައިނުގަންނަވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ވާނުވާއެއްގެ ތެރޭގައި ފާއިތުވި ހުރިހާ ސަރުކާރެއްގައި އޮތް މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ މައްސަލައަށް ހައްލު ހޯއްދަ ދިނީ މި ސަރުކާރުން ކަމަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އަދި ގާނޫނާއި ހިލާފުވުމުން އެމްޑީއެން އުވާލީ މި ސަރުކާރުން ކަން މަހްލޫފް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން 4 ދައުރު ހުރާ ކައުންސިލްގެ ރައީސްކަން ކޮށްފައިވާ ޕީޕީއެމް މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި އީސާ އަހްމަދު (ހުރާ އީސަ) މިއަދު ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދެއްވަން ނުކުންނެވުމުން މިވާ ގޮތް ވަރަށް ސާފުވެއްޖެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. އަދި އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ކުރެއްވި ޓްވީޓުގައި ވަނީ ހުރާ އީސަ ވާހަކަ ދައްކަވާ ވީޑިއޯއެއް ވެސް ހިއްސާ ކުރައްވާފައެވެ. އީސަ ވިދާޅުވީ، އެމްޑީޕީއާ އޭނާ ގުޅިވަޑައިގަތީ، ހުރާގެ ރައްޔިތުން ބޭނުންވާ ކަންކަން އެނގިވަޑައިގަންނަވާތީ ކަމަށާއި، އެކަންކަން ފުރިހަމަ ކޮށްދެވޭނެ ބޭފުޅަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ. ހުރާގެ ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި ނަމަވެސް ޕީޕީއެމް ސަރުކާރުގައި ތަރައްގީ ގެނައުމަށް އެ ރަށުގެ ބިން ހިއްކަން ފެށީ އިންތިހާބު ފެށެން 21 ދުވަހަށް ވެފައި ވަނިކޮށް ކަމަށް އީސަ ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތް ނިންމައި މިހާރު މި ސަރުކާރުން ވަނީ ރިވެޓްމަންޓް ޖަހައި އެ މަސައްކަތުގެ 98 ޕަސެންޓް މަސައްކަތް ނިންމާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މި ސަރުކާރުން ހުރާއަށް ކޮށްދީފައި ހުރި މަސައްކަތްތަކުގެ ތެރޭގައި އެ ރަށު ކައުންސިލްގެ އިމާރާތާއި ކޯޓުގެ އިމާރާތާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް އޭނާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ކުނި ގޮނޑުގެ މަސައްކަތާއި އެރަށުގައި އޭޓީއެމްއެއް ބަހައްޓައި ދީ، އަދި އެރަށުގެ ފަޅުގެ ދަތި ކަމަށް ވެސް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާ ސަރުކާރަކީ ސޯލިހްގެ ސަރުކާރު ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމީ މި ސަބަބުތަކާ ހުރެ ކަމަށް ވެސް ވިދާޅުވިއެވެ.