ރާއްޖެ އެކޭ އެއްގޮތަށް އެކަކުގެ ނަމުގައި އެތައްހާސް ސިމެއް ދޫކޮށް އަދި ވަގު ކޯލްތައް ކޮށް ސްކޭމް ހިންގުން ހައްދުފަހަނައަޅާ ގޮސްފައި ވާތީ، އަޅާ ފިޔަވަޅެއްގެ ގޮތުން 52 ލައްކަ ސިމްކާޑު އިންޑިއާގައި ބްލޮކް ކޮށްފިއެވެ.

ޓެލެކޮމިއުނިކޭޝަން މިނިސްޓަރު އަޝްވިނީ ވައިޝަނާވް ވިދާޅުވީ، އަލަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ޖުމްލަ 66،000 ވަގު ވަޓްސްއެޕް އެކައުންޓާއި ވަގު ސިމްކާޑު ވިއްކާ 67،000 ޑީލަރުން ބްލޮކް ކޮށް 300 ދައުވާއެއް އުފުލާފައި ވާ ކަމަށެވެ. މީގެ އިތުރުން 52 ލައްކަ ސިމްކާޑު ބްލޮކް ކޮށް 8 ލައްކަ ބޭންކް ވޮލެޓް އެކައުންޓް ވެސް ފްރީޒް ކޮށްފައި ވާ ކަމަށެވެ.

ވަގު ސިމްކާޑު ވިއްކުމާއި ސްކޭމްތައް ހުއްޓުވުމަށް އެ ގައުމުގައި އަލަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ސިމްކާޑު ވިއްކާ އެންމެން ރަޖިސްޓްރީ ކުރުމުގެ އިތުރުން ހުރިހާ ޕީއޯއެސްއެއްވެސް ރަޖިސްޓްރީ ކުރަން ވަނީ މަޖުބޫރު ކޮށްފައެވެ.

އަދި އެފަދަ ހުރިހާ ޕީއޯއެސް އެއް ސެޕްޓެމްބަރު 30 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި ވަގު ސިމް ވިއްކާނަމަ އެ ފަރާތެއް 10 ލައްކަ ރުޕީސް [12 ހާސް އެމެރިކާ ޑޮލަރު] އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ބުނެއެވެ.