އާބަންކޯއިން ޔޫތް މިނިސްޓްރީ އާއި އެކު ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ތިލަފުށީ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން މި މަޝްރޫއު އަށް 10 ހެކްޓަރުގެ ބިން ހާއްސަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯ ސްޕޯޓްސް އަށް ތަރައްގީކޮށްފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު މި އެއްބަސްވުމުގައި އާބަންކޯގެ ފަރަތުން ސޮއިކޮށްފައިވަނީ މެނޭޖިންގް ޑިރެކްޓަރު އަހްމަދް އާތިފްއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހްމަދު އެވެ.
މި ރަސްމިއްޔާތުގައި އާތިފް ވާހަކަ ދައްކަވަމުން ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އެތަކެއް ޒުވާނުންގެ ކަންބޮޑުވުމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ހަމައެހެންމެ މި އެރީނާއާއެކު އިންޓަނޭޝަނަލް ސްޓޭންޑަޑް ޓްރެކްއެއްގައި ދިވެހި ޒުވާނުންނަށް ރޭސް ކުރެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އަދި މި އެރީނާގައި ހަމަ އެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެކަމަށް ރޭސިންގް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝާމިހު ވަނީ ވިދާޅުވެފައެވެ.